ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީ ފްލެޓުތަކުގައި ވޯލްޑްކަޕް ބެލޭނެ ގޮތެއް ނެތް، އާންމުން ގޮތް ހުސްވެފައި!

ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތަކަށް އާއިލާތައް ބަދަލުވިތާ ނުވަ މަސް ދުވަސް ވެފައިވާއިރު، މިރޭ ފަށާ ފީފާ ވޯލްޑް ކަޕް ބަލާލެވޭނެ ގޮތެއް އެ މީހުންގެ އަމިއްލަ ގޭގައި ނެތެވެ. މިކަން މިހެން ދިމާވެފައިވަނީ އެ ތަންތަނަށް ބޭނުންވާ ކޭބަލް ޓީވީ އަދި އިންޓަރނެޓްގެ ޚިދުމަތް އަދިވެސް ފޯރުކޮށްދެވިފައި ނުވާތީއެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ސޯޝަލް ހައުސިންގ މަޝްރޫއު ކަމަށްވާ 4،000 ޔުނިޓުގެ ”ގެދޮރުވެރިޔާ“ މަޝްރޫއުގެ ފްލެޓްތައް ހަވާލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭގެ ފަހުން ގިނަ ބަޔަކު އެ ތަންތަނުގައި ދިރިއުޅެން ފަށާފައިވީ ނަމަވެސް، ގިނަ ޓަވަރުތަކުގައި އަދިވެސް އަސާސީ މުއާސަލާތީ ޚިދުމަތްތައް ލިބޭނެ އިންތިޒާމެއް ނެތެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ވޯލްޑް ކަޕް ފެށޭ ދަނޑިވަޅުގައި، ގޭގައި ތިބެގެން މެޗުތައް ބަލާލެވޭނެ ގޮތެއް ނެތުމުން އާންމުންގެ ފާޑުކިޔުމާއި ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

”ޖީޕީއޯއެން“ ނެތުމުން ޚިދުމަތް ދިނުމަށް ހުރަސްތަކެއް

މިކަމާ ގުޅޭގޮތުން ”ސަންގު ޓީވީ“ އަށް މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، މި މައްސަލަ ދިމާވީ މަޝްރޫއުގެ ފެށުނު އިރު ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން، ފައިބަރ އިންޓަރނެޓާއި ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޖީޕީއޯއެން (GPON) ނިޒާމު، ނިމިދިޔަ ސަރުކާރުން މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އުނިކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަމްދާން ވިދާޅުވި ގޮތުގައި، ޕްލޭނިންގ އަދި ފައިނޭންސިންގ މަރުހަލާގައި މިކަން އުނިކޮށްފައި އޮތުމުގެ ސަބަބުން، އެކަމަށް ބޭނުންވާ ބަޖެޓެއް ކަނޑައެޅިފައެއް ނެތެވެ. މީގެ ސަބަބުން ފްލެޓްތަކުގެ މަސައްކަތް ނިމުނުއިރު، މުއާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ މައިގަނޑު ނެޓްވޯކް ގާއިމުކުރެވިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސައްކަތް ކުރިއަށް ދަނީ، ނަމަވެސް އަދި ހަތަރު މަސް!

ހަމްދާން ވިދާޅުވި ގޮތުގައި، މިހާރު ވަނީ މި ޚިދުމަތްތައް ގާއިމުކުރުމަށް ދިރާގާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، މަސައްކަތް ފަށާފައެވެ. މިހާރު ޓަވަރުތަކުގައި ފައިބަރ ކޭބަލް އެޅުމާއި، ޖީޕީއޯއެން ސިސްޓަމްތައް ހަރުކުރުމުގެ އިތުރުން، ޔުނިޓްތަކުގައި އޯއެންޓީ (ONT) ޑިވައިސްތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަސައްކަތް އަވަސްކުރުމަށް ޓަކައި ހަފުތާގެ ހަތް ދުވަހު މެދުނުކެނޑި ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މަޝްރޫއުގެ ބޮޑުމިނަށާއި ދިމާވާ ފަންނީ ގޮންޖެހުންތަކަށް ބަލާއިރު، މުޅި މަސައްކަތް އެއްކޮށް ނިންމާލުމަށް އަދި ހަތަރު މަސް ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ޔުނިޓުތަކުގައި ކޭބަލް އަޅާ ހޮޅިތައް ބެދިފައި ހުރުމާއި، ފާރުގެ ޕެނަލްތަކުގެ ސަބަބުން މަސައްކަތަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މަޝްރޫއުގެ ފެންވަރާމެދު ބޮޑެތި ސުވާލުތަކެއް!

މަސައްކަތް ކުރިއަށްދާ ކަމުގެ ޔަގީންކަން ދިން ނަމަވެސް، އަސާސީ ޚިދުމަތްތައް ފުރިހަމަނުކޮށް އެތައް ސަތޭކަ އާއިލާއެއް ފްލެޓްތަކަށް ވެއްދުމުން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޭބަލް ޓީވީ އާއި އިންޓަނެޓްގެ އިތުރުން، ކުނި މެނޭޖުކުރުމާއި އިމާރާތްތައް ބެލެހެއްޓުމުގައި ހުރި މައްސަލަތަކާ ގުޅިގެންވެސް ގިނަ ޝަކުވާތަކެއް ދަނީ ހުށަހެޅެމުންނެވެ. މިއީ މީހުން ދިރިއުޅެން އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައިވާ ތަނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ޒިންމާ އުފުލަން ބޮޑު ސިޔާސީ ބަހުސެއް

މި މައްސަލައިގައި ސިޔާސީ ގޮތުންވެސް ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. އެފްޑީސީގެ މެނޭޖުމަންޓުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އެޅުވި ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ހައުސިން ސްކީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި އެއްބަސްވުންތަކަށް ގެނައި ބަދަލުތަކާއި، ފްލެޓް ހަވާލުކުރުމުގެ ކުރިން ޑިޕޮސިޓް ފައިސާ ދައްކަން ޖެހޭ ގޮތަށް ހެދުން ހިމެނެއެވެ.

މި މަޝްރޫއަކީ ޒަމާނީ ފެންވަރުގެ ބޯހިޔާވަހިކަމެއްގެ ގޮތުގައި އިޝްތިހާރު ކުރެވުނު ނަމަވެސް، ފެންނަމުންދަނީ އުންމީދުކުރި ފެންވަރާއި ހަގީގަތާ ދެމެދު އޮތް ބޮޑު ފަރަގެކެވެ. ފްލެޓަށް ވަންތާ ނުވަ މަސް ވެގެންދާއިރުވެސް ޑިޖިޓަލް ޚިދުމަތްތަކުން މަހްރޫމްވެފައި ތިބެން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެކެވެ.

އެފްޑީސީގެ އަންދާޒާއާ އެއްގޮތަށް އިތުރު ހަތަރު މަސް ނަގާނަމަ، ބައެއް އާއިލާތަކުން ފްލެޓްގެ ތަޅުދަނޑި ހަވާލުކުރިތާ އަހަރެއް ވާންދެން މުއާސަލާތީ ހިދުމަތްތަކަށް އިންތިޒާރު ކުރަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: