ދިވެހި ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ހުކުރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.
މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދާ މި އިންތިޚާބުގައި ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުލުމުގެ ހައްގު ލިބިގެންވާ 48,912 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 31,129 މީހުންނެވެ. މީގެ ތެރެއިން ރައީސް ނަޝީދަށް 21,301 ވޯޓު ލިބިވަޑައިގަތްއިރު، މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 9,462 ވޯޓެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު ނަން އަނބުރާ ގެންދެވި އިބްރާހިމް މުޙައްމަދަށް 132 ވޯޓު ލިބިފައިވެއެވެ. ސައްހަ ވޯޓުގެ ޖުމްލަ އަދަދަކީ 30,895 ކަމަށްވާއިރު، 234 ވޯޓު ވަނީ ބާތިލްވެފައެވެ.
ރައީސް ނަޝީދުގެ ”ބޮޑު ބަދަލު“ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ނަޝީދަށް މަރުހަބާ ދަންނަވާފައެވެ. ފައްޔާޒު ވިދާޅުވީ ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވުނު މަންޒަރު ފެނުމަކީ އުފަލެއް ކަމަށެވެ. ”ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން،“ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު މީކާއިލް އަހުމަދު ނަސީމް ވަނީ ބަލި ގަބޫލުކުރައްވައި ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފައެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ގެންގޮސް 2028 ވަނަ އަހަރުގެ އިންތިޚާބު ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް ޕާޓީގެ އާންމު މެންބަރުންނާއެކު ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިހާރު އެމްޑީޕީ އަލުން އާންމު މެންބަރުންގެ ޕާޓީއަކަށް ވެފައިވާ ކަމަށެވެ. ޤައުމުގެ ސަލާމަތާއި މިނިވަންކަމަށް އަބަދުވެސް ތެދުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ، ”މި ރާއްޖެ ދޫކޮށްލެވެން ނެތް“ ކަމަށެވެ. އަދި އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރެއްވި ހުރިހާ ބޭފުޅުންނަށް، ހާއްސަކޮށް ފައްޔާޒު އިސްމާއީލަށް ޝުކުރު އަދާކުރެއްވިއެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ އެ އިންތިޚާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ފައްޔާޒު އިސްމާއީލަށް ކަމަށެވެ. މި އިންތިޚާބުގެ ވޯޓު ފޮށިތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ސްރީލަންކާގައި ވެސް ބަހައްޓާފައިވެއެވެ.

