ފުލުހުންގެ މަރުކަޒެއް ކަމަށްވާ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖަށް ހުއްދަނެތި ވަދެގަތް މައްސަލައެއްގައި ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ގާޒީ ވަނީ އޭނާ 15 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ ފުދޭ މިންވަރުގެ ހެކި ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުންގެ ހާއްސަ ރިޕޯޓާއި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ނަގާފައިވާ ސްނެޕްޝޮޓްތަކުގެ އިތުރުން ހައްޔަރާއި ބަންދުލޮގް ހިމެނެއެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ގަރާޖަށް ވަތް ކަމަށް ކުރެވޭ ތުހުމަތުތަކަށް އެ މީހާ އިންކާރު ކުރި ނަމަވެސް، އޭނާއަކީ މީގެ ކުރިންވެސް ކުށުގެ ރިކޯޑު އޮންނަ މީހެއްކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

