ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި މޫތު ސާމްޕަލް ނެގުމުގެ އައު ގަވާއިދަށް އަމަލުކުރަން ފަށައިފި

ފުލުހުން އަތުލައިގަނެފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ތުހުމަތުކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހި (ޔޫރިން) ދިނުމަށް އެންގުމާއި، އެ ތަކެތި ތަހުލީލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވައިލި މި ގަވާއިދަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތަކާއި، ބޭނުންކުރާ މީހުން ދެނެގަތުމުގެ މަރުހަލާތައް ހަރުދަނާކުރުމުގެ މަގުސަދުގައި އެކުލަވައިލާފައިވާ ގަވާއިދެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ތަންފީޒުކުރާ މި ގަވާއިދުގެ ދަށުން، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި ޔޫރިން ސާމްޕަލް ނެގުމުގައި ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން

ގަވާއިދުގައިވާ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީއެއް ނުވަތަ މަސްތުވާތަކެތި ފޮނުވާ މަންޒިލަށް ފޯރަންދެން ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަންތައް ހިންގޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

މިފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި ”ސަބްސްޓިޓިއުޓް“ ނުވަތަ އެހެން އެއްޗެއް ބޭނުންކުރުމުގެ އިޚުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި އެގޮތަށް ބޭނުންކުރާ އެއްޗަކާ މީހަކު ހަވާލުވި ނަމަވެސް، ގާނޫނީ ގޮތުން ބެލޭނީ އެމީހަކު ހަވާލުވީ މަސްތުވާތަކެއްޗާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ކަސްޓަމްސް އޮފިސަރުންނާއި ފުލުހުން ކަނޑައަޅާ އެހެން ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

ކުޑަކަމުދާ އެއްޗެހި ދިނުމާއި ތަހުލީލުކުރުން

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ޔޫރިން ސާމްޕަލް ދޭން އެންގުމުގެ ބާރު ފުލުހުންނަށް އޮންނާނެއެވެ. ޔޫރިން ދިނުމަށް އެދެވޭނެ ހާލަތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކުރުން، އަތުން މަސްތުވާތަކެތި ފެނުން، ނުވަތަ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވުން ހިމެނެއެވެ.

ސާމްޕަލް ދޭ މީހާއަށް ފުލުހުންގެ ލެބޯޓަރީ ނޫން އެހެން ލެބޯޓަރީއަކުން ޓެސްޓުކުރުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް އެފަދަ ތަހުލީލުތަކަށް ހިނގާ ޚަރަދު ކުރަންޖެހޭނީ އެ މީހަކު އަމިއްލައަށެވެ. ޔޫރިން ދިނުމަށް އަންގާ ވަގުތުން ފެށިގެން 12 ގަޑިއިރު ތެރޭގައި ސާމްޕަލް ނުދީފިނަމަ، ނުވަތަ ސާމްޕަލް ގަޑުބަޑުކޮށްފިނަމަ އެއީ ޔޫރިން ދިނުމަށް އިންކާރުކުރުން ކަމުގައި ބެލެވޭނެއެވެ.

ސާމްޕަލް ބެލެހެއްޓުން

ނަގާ ސާމްޕަލްތައް އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ”ޗެއިން އޮފް ކަސްޓަޑީ“ ފޯމު ފުރިހަމަކުރުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އަދި ސާމްޕަލްތައް ބަހައްޓަންވާނީ ފިނިކޮށްފައި ކަމަށާއި، ތިން ދުވަހަށްވުރެ ގިނަ ދުވަސްވާނަމަ ގަނޑުކުރަންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން މި މައުޟޫއާ ގުޅޭގޮތުން އަމަލުކުރަމުން އައި އުސޫލުތަކަށް ބަދަލު އަންނާނެއެވެ. އަދި މިކަމާ ގުޅޭ ޕޯޓަލްއެއް 30 ދުވަހުގެ ތެރޭގައި ގާއިމުކުރުމަށް ފުލުހުންނަށް ވަނީ ލާޒިމުކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: