އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރުމަށްފަހު އޮންނަ ފުރަތަމަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް މަސައްކަތް ކުރަމުންދާކަން އެ ޕާޓީގެ ޗެއާޕާސަންގެ ނާއިބު (އިދާރީ) އިބްރާހިމް ވަހީދު ވަނީ ސަންގަށް ކަށަވަރުކޮށްދެއްވާފައެވެ. މިހާތަނަށް ގައުމީ މަޖިލީހުގެ އެޖެންޑާގައި ވަނީ ކޮންކަންކަމެއް ސާފުނުވެއެވެ.
ރައީސް ނަޝީދު ޗެއާޕާސަންއަކަށް އިންތިހާބުވުމަށް ފަހު ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވަން މަސައްކަތް ކުރާއިރު، މިއީ އެމަނިކުފާނުގެ ހުށައެޅުމެއް ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި މާދަމާ ބާއްވާ ޖަލްސާއަށް މިހާރު އެޕާޓީން ތައްޔާރު ވަމުންދާއިރު ރައީސް ނަޝީދާއި މެމްބަރުން ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވާ ކަމަށް ބައެއް މަންސަތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ވާދަވެރި ކެމްޕެއިނަކަށްފަހު ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. އެމަނިކުފާނަށް 69 ޕަސެންޓު ލިބިވަޑައިގެން އިރު ދެން ވާދަކުރެއްވި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 30 ފަސެންޓެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ. ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެ މަގާމުގައި ތިން އަހަރާއި ހަ މަސްދުވަސް ހޭދަކުރައްވާފަ އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގްރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެއެވެ.

