މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯންގެ އަދަދު 51.7 ބިލިއަން ރުފިޔާއަށް އަރާފައިވާކަން މޯލްޑޮވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކާގޮތުގައި އޭޕްރިލް މަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް ބެންކްތަކާއި އެހެނިހެން މާލީ އިދާރާތަކުން އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ލޯންތަކާއި އެޑްވާންސްތައް ހިމެނޭ ގޮތަށް 14.15 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދޫކޮށްފައިވާ އަދަދަށް ވުރެ 13.5 ޕަސެންޓް އިތުރު އަދަދެކެވެ.
އިމާރާތް ކުރުމުގެ ދާއިރާއަށް ބަލާއިރު އޭޕްރިލް މަހުގެ ނިޔަލަށް އެ ދާއިރާއަށް 10.01 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 24.2 ޕަސެންޓްގެ އިތުރުވުމެކެވެ.
ވިޔަފާރިތަކަށް 5.57 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ދޫކޮށްފައިވާ 5.48 ބިލިއަން ހިމެނެއެވެ. އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކަށް 82.67 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އޭޕްރިލް މަހުގެ ނިޔަލަށް މަސްވެރިކަމުގެ ދާއިރައަށް 573.07 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު ދަނޑުވެރިކަމަށް ދޫކޮށްފައިވަނީ 18.03 މިލިއަން ރުފިޔާއެވެ. އެ ސިނާއަތަށް ވެސް ލޯނު ދޫކުރި މިންވަރު މިދިޔަ އަހަރަށްވުރެ މަދުވެފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން އެނގެއެވެ.

