އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އޭނާގެ ނަން ފޮނުއްވައިފިއެވެ.
އީސީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ނަން ހުށަހަޅުއްވައި، ރުހުން ހޯއްދަވަން ރައީސް ފޮނުއްވި ސިޓީ މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވައިފައެވެ.
އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ހުށަހެޅުއްވީ ޝަކީލްގެ ނަމެވެ. އެ ލިސްޓުގައި ދެން ހުރި ނަންތައް އެ ސިޓީއާއެކު އެއްކަރުދާސްކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި އިއްވާފައިނުވެއެވެ.
އޭނާ އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ކުރެއްވި ޝަކީލަކީ ޕީއެންސީގެ ސެނެޓުގެ އިތުރުން އިންތިހާބީ ކޮމިޓީގެ މެމްބަރެވެ. އަދި އޭނާ ކުރިން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވިއެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

