އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ މެދު ސުވާލުކުރުމަށް މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް ޑރ. އަބްދުﷲ މުއްތަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށައަޅުއްވައިފިއެވެ.
ކުޑޫ ހުށައަޅުއްވާފައިވާ ވަޒީރާ ސުވާލުކުރުމުގެ ނޯޓިސްގައިވާ ގޮތުން، އޭނާ ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާ ރަށްރަށާއި އެ މަޝްރޫއުތަކުގެ ތަފްސީލްތައް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ މަސައްކަތްތައް އަލުން ފެށޭނެ ތާރީހަކާއި އަދި މަސައްކަތް ނިމޭނެ ތާރީހުތަކުގެ ތަފްސީލްތަކަށް ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގެ ރަށްރަށުގައި އެކި މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައި ހުރި ކަމަށާއި، މަގުހެދުމުގެ މަސައްކަތްތަކާއި ރަށްރަށުގައި ގާއިމްކުރާ އެކި އޮފީސްތައްވެސް ހުއްޓިފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ވަނީ ކޮށްފައެވެ.
އެހެންނަމަވެސް މަޝްރޫއުތައް މަޑުޖެހެނީ އެ ރަށެއްގައި ތިބޭ އިދިކޮޅަށް ނިސްބަތްވާ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.
މިނިސްޓަރު މުއްތަލިބު ހާޒިކުރައްވަން ކުޑޫ ހުށަހަޅުއްވާފައިވާއިރު، ސިޔާސީ ސަބަބުތަކާ ހެދި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމާ ގުޅޭގޮތުން ސުވާލުކުރެއްވުމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް ވެސް އިއްޔެ ކުޑޫ ވަނީ ހުށަހަޅުއްވައިފައެވެ.

