މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި ޖަލުތަކުގައި ތިބި ޤައިދީންނަށް އަމާޒުކޮށްގެން ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގި އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ޒަރީރު ވިދާޅުވީ ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީ އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި އެމްސީއެސްގެ އޮފިސަރުން ކުރަމުންދާ ބުރަ އަދި ހީވާގި މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސެޓްފިކެޓް ހާޞިލްކުރި ޤައިދީންނާ މުޙާތަބްކުރައްވާ ކޮމިޝަނަރ ވިދާޅުވީ، ގައިދީއަކު ޖަލަށްލުމަކީ އެމީހެއްގެ މުޅި އުމުރު ދިޔައީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. ޤައިދީން އިސްނަގައިގެން ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހަރުދަނާ ބަޔަކަށް ވުމަށް ކުރާ މަސައްކަތަކީ އުފާކުރައްވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ކުރަން ރާވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، ”މުސްތަޤްބަލުގައި އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް“ ކަމަށެވެ. މީގެ އިތުރުން އައިކޯސްޓްގެ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުދައްރިބުން މިހާތަނަށް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ސީޕީ ޒަރީރުގެ ވާހަކަފުޅު ނިންމަވާލެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އެމްސީއެސްއަށް ވެދެއްވާ އެހީތެރިކަމާއި ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފްކުރައްވަމުންނެވެ.

