ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމަންޓެއްގައި ހުރި ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖުތަކެއް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން އިއްޔެ ބުނީ، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 14 އަދި 15 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި، ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ ޝިޕްމެންޓު ބަލައިފާސްކުރިއިރު، ފޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވެއެވެ. އެގޮތުން ޖުމްލަ 1108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ފެނިފައިވާކަމަށް ކަސްޓަމުން ބުންޏެވެ.
އެ ޝިޕްމެންޓުން އަތުލައިގަތް ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.
ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ރާއްޖެއަށް ވޭޕް އެެތެރެކުރުމާއި ބޭނުންކުރުން މަނާކޮށް އެފަދަ ތަކެތި އެތެރެކުރާ އަދި ބޭނުންކުރާ ފަރާތްތައް ޖޫރިމަނާކުރަން ފެށީ ޑިސެމްބަރު 14، 2024 ގައެވެ. އެ ފަހުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އެކި ފަހަރު މަތިން ކަސްޓަމުން އަތުލައިގެންފައިވާއިރު، އެ ތަކެއްޗަށް ކުރި ޖޫރިމަނާގެ އަދަދު 600 މިލިއަން ރުފިޔާއަށް އަރައެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

