ރަށްރަށުގައި ދިރިއުޅެން ބޭނުންވާ އަދި އަމިއްލަ އާއިލާ ގޮވައިގެން މާލޭގެ ހަލަބޮލިކަމުގެ ތެރެއަށް އަންނަން ބޭނުން ނުވާ އެތައް ބަޔަކު އެބަތިއްބެވެ. އެމީހުންނަކީ ރަށްފުށުގެ އަރާމު އަދި ފަސޭހަ ދިރިއުޅުން ދޫކޮށްލުމަށްފަހު ބަންދުވެ ކާރޫބާރޫ ބޮޑު މާލެއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންނުވާ މީހުންނެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ އެންމެ ބޮޑު އެއް ހަގީގަތަކީ މާލެ ނޫން އިތުރު ”ޗޮއިސް“އެއް ބައެއް އާއިލާތަކަށް ނެތުމެވެ. ދިރިއުޅުމުގެ ހަރަދު ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު އެ ހަރަދުތައް ހަމަޖައްސާނަ ހަމައެކަނި ގޮތަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމެވެ.
ދާދިފަހުން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކުރި ދަތުރުތަކުން ސާފުވީ އެއްކަމަކީ ރައްޔިތުން ތިބީ ތަރައްގީއަށް ފެންބޮވައިގަނެފައި ކަމެވެ. ވެރިން ތަރައްގީގެ ނަމުގައި ދައްކާ ކޮންމެ ވާހަކައަށް ރައްޔިތުން އާބަސް ބުނަނީ އެމީހުން އެތައް ދުވަހެއް ވަންދެން ބޭނުންވި ހަމަޖެހުމުގެ ދިރިއުޅުން ބޭނުންވާތީއެވެ. ރަށްރަށުގެ ހާލަތަކީ މިއަދު ފެނާއި ނަރުދަމާ ނެތި، މަގުތައް ތަރައްގީނުވުން ކަމުގައި ވީނަމަވެސް އެމީހުންނަށް އެއަށް ވުރެވެސް މުހިންމު ކަންތައްތަކެއް ހުރިކަން އެބަ ފާހަގަވެއެވެ. އެމީހެއްގެ އަމިއްލަ ގޭގައި، އަމިއްލަ އާއިލާ ގާތުގައި ހުރެ މަސައްކަތް ކޮށްލާނެ މަގެއް ހޯދުމަކީ މިއަދު އެންމެން ބޭނުންވާ ކަމެކެވެ.
އެހެންނަމަވެސް މިއަދު މި ބަދަލު ގެންނަން ހުރަސްއަޅާ އެއްކަމަކީ ރާއްޖެ އުފެދިފައިވާ ގޮތުން މިއީ އެއްފަސް ބިމަކަށް ނުވުމެވެ. ބޭރުގެ ގައުމުތަކުގައި ތަރައްގީ ގެންނަހާ ފަސޭހައިން ރާއްޖޭގައި އެކަން ކުރުމަކީ މިއަދު ގޮންޖެހުމެއް ނަމަވެސް މިއީ ނުވާނެ ކަމެއް ނޫނެވެ. ބައެއް ރަށްރަށަކީ ކިތައްމެ ކުޑަ އާބާދީއެއް ނަމަވެސް މީހުން ދިރިއުޅޭހާ ހިނދަކު އެމީހުންނަށް ކަރަންޓާއި، ފެނާއި ނަރުދަމާ، ތައުލީމް އަދި ސިއްހީ ހިދުމަތްތަކަކީ ކޮންމެހެންވެސް ބޭނުންވާ މުހިންމު އަސާސީ ހިދުމަތްތަކެވެ. އެހެންނަމަވެސް މިއަދު ހަމައެކަނި އަސާސީ ހިދުމަތްތަކުން ފަރުޖެއްސޭކަށް ނެތެވެ. އެމީހުންނަށް ވަޒީފާވެސް އަދާކުރެވޭނެ މަގު ފަހިކުރަން ޖެހެއެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށެއް އެއް ފެންވަރެއްގައި ތަރައްގީކުރުމަކީ ނާދިރު ކަމެކެވެ. އެއީ ކުޑަ އަބާދީއެއް އޮންނަ ރަށަކާއި އަދި ބޮޑު އަބާދީއެއް އޮންނަ ރަށަކަށް ހިދުމަތްތައް ގެންދިޔަ ނަމަވެސް އެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިންތިހާއަށް ދަށް ނަމަ ދިމާވާ ބައިވަރު މައްސަލަ އެބަހުއްޓެވެ. ސަރުކާރުގެ ހަރަދު ދާނީ އިންތިހާއަށް ބޮޑުވެގެންނެވެ. މިހާރު ރާއްޖޭގެ ހާލަތަށް ބެލިނަމަވެސް ދައުލަތަށް އެންމެ ފައިސާ ފޮއްޗެއްވެސް ބޭކާރު ގޮތުގައި ހޭދަކުރުމަކީ ކެރިކުޅަދާނަވާވަރު ކަމެއް ނޫނެވެ. އިގްތިސޯދީ ގޮތުން ގައުމުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް އިރު މިފަދަ ބޮޑު ހަރަދެއް ކުރުމަކީ އެންމެ އެކަށީގެންވާ ނިންމުމަކަށް ނުވެދާނެވެ.
އެހެންނަނަވެސް ކޮންމެ ރަށެއްގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށްފަހު، ސަރަހައްދީ ގޮތުން ތަަރައްގީ ގެނެވިދާނެވެ. ކޮންމެ ދާއިރާއެއް ނުވަތަ ކޮންމެ އަތޮޅެއް އޭގެ ޒާތުގައި ތަފާތުއިރު، އެ ތަފާތުތައް ބަލައި ދެނެގަނެ އެއީ އެ ސަރަހައްދެއް ކުރިއަރައި ދިޔުމުގެ މަގު ކަމުގައި ބެލެވިދާނެއެވެ. ބައެއް އަތޮޅުތައް ނުވަތަ ރަށްތަކަކީ ވަކި ހާއްސަ ކަންކަމަށް މަޝްހޫރުވެފައިވާ ތަންތަނަށް ވާއިރު، އެއީ އެރަށަކަށް އާމްދަނީ ލިބޭނެ ބޮޑު މަޝްރޫއުއަކަށް ބަދަލު ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. ރާއްޖޭގެ އުފެއްދުންތައް ދުނިޔޭގެ މާރުކޭޓުތަކުގައި މަޝްހޫރުކުރަން މަސައްކަތް ކުރެވިދާނެވެ. މީގެ އިތުރަށްވެސް ތައުލީމާއި، ބޭހާއި ސިއްހީ ހިދުމަތާއި އަދި ބޯހިޔާވަހިކަންވެސް ހަމަ އެގޮތުގެ މަތިން ބަހާލައިގެން އެކި ސަރަހައްދުތަކުގައި ތަރައްގީކުރެވިދާނެއެވެ.
ރަށްރަށުގެ ތަރައްގީއަށް ޓަކައި ކަމަށް ބުނެ ކޮންމެ ރަށެއްގައި ޕްލޭނެއް ނެތި އެއާޕޯޓެއް އެޅުމަކީ އެއީ ތަރައްގީއެއް ނޫނެވެ. އެތަނެއްގެ ބޭނުން ހިފޭނެ ވަރަށް ފުރިހަމަ ޕްލޭނެއް ނެތް ނަަމަ އެއީ ބޭނުން ކުރެވޭނެ އެއްޗަކަށް ނުވާނެވެ. އެހެންނަމަވެސް މިއަދު ހިތި ހަގީގަތަކީ ރަށެއްގައި ހުންނަ 3 ތަނެއްގެ ވަޒީފާއަށް އެރަށުގެ މުޅި އަބާދީ ތަޅާ ފޮޅުމެވެ. ވެރިން ކޮންމެ އިންތިހާބައި ދިމާކޮށް އެ ތަންތަނުން ވަޒީފާ ބެހުމާއި، ބޭނުން ވަޒީފާއެއް އުފެއްދުމާއި އުވާލުމެވެ. މަޝްހޫރު ”ފެނަކަ ވަޒީފާއަށް“ ރަށުގެ ހުރިހާ ރައްޔިތުން ތަޅާ ފޮޅަން ޖެހުމަކީ މިއަދުގެ ހަގީގަތެވެ. މިއަދުވެސް ގިނަ ބަޔަކު އެކި ތުހުމަތުތައް ކުރެއެވެ. ސަރުކާރުން ވަޒީފާގެ ބިރު ދައްކާކަމަށް ބުނާ ވާހަކައަކީ ކޮންމެ ސަރުކާރެއްގައިވެސް އިވޭ އަޑެކެވެ. ރަށްރަށުގެ އެތައް މުވައްޒަފުނެއްގެ އާއްމު ދިރިއުޅުމަކަށް ވެފައި އޮތީ ކުރާނެ މަސައްކަތެއް ނެތި އޮފީހުގެ ފިންގަރ ޖެހުމަށްފަހު ގެއަށް ދިއުމެވެ. މިއީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ވަޒީފާ ބެހުމުގެ ނަތީޖާއެވެ. ގިނަ މުވައްޒަފުން ވަޒީގެ ބިރަށް ތިބިއިރު އެމީހުންނަކީ އުފެއްދުންތެރިކަމެއް ނެތް، ކަންނެތް ބަޔަކަށް ވެފައި ތިބި މީހުންނެވެ. އެހެންނަމަވެސް މިކަން ބަދަލުކުރަން ސަރުކާރުން މަސައްކަތް ނުކުރާނަމަ މިއީ ރައްޔިތުންނަށް އެމީހުން ބޭނުންވާ މިނިވަންކަމާއެކު ދިރިއުޅުމެއް އެޅޭ ހުރަހެކެވެ.

