އިލެކްޝަންސް ކޮމިޝަނު (އީސީ)ގެ މެމްބަރުކަމުން ކުރިން އިސްތިއުފާ ދެއްވީ އޭރު ކޮމިޝަން ތެރޭގައި އޮތް މިނިވަންކަން ގެއްލުމުން ކަމަށާއި ދެންވެސް އެފަދަ ހާލަތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް އީސީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރަން ނަން ފޮނުވާފައިވާ ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނަށް ޝަކީލް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވުމުން މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން އިއްޔެ ވަނީ އޭނާގެ އިންޓަވިއު ކުރިއަށްގެންގޮސްފައެވެ.
އޭރު މަގާމުން އިސްތިއުފާ ދެއްވީ ކީއްވެގެންތޯ އަދި ދެން އެކަހަލަ ކަމެއް ނުވާނެތޯ ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ސުވާލުކުރެއްވުމުން ޝަކީލް ވިދާޅުވީ، އޭރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ކޮމިޝަނުގައި މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ގަބޫލުކުރެވުމުން ކަމަށެވެ. އަދި މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެ މާހައުލެއްގައި މަސައްކަތްކުރުން އޭނާގެ އަމިއްލަ ޒަމީރު ގަބޫލުނުކުރާތީ ކަމަށެވެ.
”އަޅުގަނޑު އޭރު އިސްތިއުފާ ދިނީ އޭރު ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ކޮމިޝަނުގައި މަސައްކަތްކުރަމުންދިޔައިރު އޭރު ކޮމިޝަން ތެރެއިން އިވުނު އަޅުގަނޑު ހިތްހަމަނުޖެހޭ، މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭ އަޑުތަކެއް، ކޮމިޝަނު ތެރެއިން އޭރުގައި އިވިގެން، އެ މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ހާލަތެއްގައި ގާނޫނުއަސާސީން އެގޮތަށް ލާޒިމުކޮށްފައިވާ މަސައްކަތްތަކެއް ކުރުން އެއީ އަަޅުގަނޑު އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީވެ އަޅުގަނޑު އޭރު އިސްތިއުފާ ދިނީ،“ ޝަކީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އޭނާ މަސައްކަތުން އެއްފަރާތްވެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ޝަކީލް އެ މަގާމަށް އައްޔަންކުރުމާ މެދު އާންމު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތްތޯ ބަލަން ކޮމިޓީން އާންމުކޮށް ހުޅުވާލުމުން އޭނާއާ ގުޅޭގޮތުން ޝަކުވާއެއް ހުށަހަޅާފައި ނުވެއެވެ. ޝަކީލަށް ރުހުން ދިނުމާމެދު ވޯޓަށް އަހަން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.
މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި ޝަކީލް އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޑިރެކްޓާ ޖެނެރަލްގެ ގޮތުގައެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. ޝަކީލަކީ ޕީއެންސީގެ ސެނެޓުގެ އިތުރުން އިންތިހާބީ ކޮމިޓީގެ މެމްބަރެވެ. އަދި އޭނާ ކުރިން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވިއެވެ.
އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.

