ފެނަކަ ކޯޕަރޭޝަނަކީ އޭގެ އުފެދުމުގައިވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޮތް، ކޮރަޕްޝަނަށް ހުޅުވިފައިވާ ބޮޑު ދޮރެއް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ސަނީފް މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސަނީފް ތުހުމަތު ކުރެއްވި ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި މުޅި ރާއްޖޭގައި ކެމްޕެއިނަށް ދެމިހާ ބެނާތަކަކީ ފެނަކައިން ޚަރަދުކޮށްގެން ކުރި ކަމެކެވެ. އަދި އެއަށްފަހު ފަހަރަކަށްވުރެ ފަހަރަކު ކުންފުނީގެ ހާލަތު ގޯސްވަމުން އައިސް، މިހާރު ފެނަކަ އޮތީ އިންތިހާ ދަރަޖައަށް ގޯސްވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ޙަޤީގަތުގައި ފެނަކައަކީ އުފެދުމުގައިވެސް އޭގެ ޒާތުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ބޮޑު ދޮރެއް ފުރަތަމަވެސް،“ ސަނީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައިވެސް ފެނަކަ ހިންގީ އެންމެ ހިތްހަމަޖެހޭ ގޮތަށް ނޫންކަން ފާހަގަކުރައްވަމުން ސަނީފް ވިދާޅުވީ، އެއަށްވުރެ މިހާރު ފެނަކައިގެ ހިންގުން މާ ނުބައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ބޭފުޅުންނަށް ދައުލަތުގެ މަގާމެއް ލިބުމުން އެއީ އަމިއްލަ ދިރިއުޅުން ކުރިއަރުވަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދެކެނީ ސަރުކާރުގެ ސިސްޓަމްތަކުން އެ ޖާގަ ދޭތީއެވެ.
މަސްވެރިކަމުގެ ސިނާއަތުން ދިވެހި މަސްވެރިން މަދުވީ އެމްޑީޕީ ސަރުކާރުގައި ފެނަކައިން ބޮޑު މުސާރަދީފައި ވަޒީފާތައް ދިނުމުން ކަމަށް ކުރާ ތުހުމަތުތަކަށް ސަނީފް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެކަމަށް އެމްޑީޕީން ޒިންމާވާން ނުޖެހޭނެ ކަމަށާއި، ވަޒީފާތައް ދިނީ މި ސަރުކާރުން ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ދެމުން އަންނަ ފެނަކައިގައި މިވަގުތު 8,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައިގެ އިނާޔަތެއް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.
މި ޕޮލިސީގެ ދަށުން މިހާތަނަށް 97 މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ނެތުމުން މަސައްކަތް ހުއްޓިފައިވާއިރު، މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.

