ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ، ހެޔޮ ވެރިކަމެއްގެ ބޭނުމުގައި 2023 ވަނަ އަހަރު ރައްޔިތުން ވެރިކަން ހަވާލު ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ފަހަތުގައި އޮތީ ވައްކަން ކަމަށް ތުހުމަތުކުރައްވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ވައްކަން ކުރި ސަރުކާރުތަކާ މެދު ރައްޔިތުން އަމަލުކުރި ގޮތް މާޒީން ފެންނަން އެބައޮތް ކަމަށެވެ.
”ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ، ހެޔޮ ވެރިކަމެއްގެ ބޭނުމުގައި 2023 ގައި ގެނައި މި ވެރިކަމުން، ރައްޔިތުންގެ މަޖިލީހުން ހެޔޮވެރިކަމެއް ގާއިމްކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ”ރަބަ ސްޓޭމްޕް މަޖިލީހަކަށް“ ބަދަލުވަމުންދާ ކަމަށް ވިދާޅުވެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ދެއްކެވި ވާހަކައަށް ވެސް ރިޔާސަތުން ވަނީ ރައްދު ދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ މީކާއީލަކީ 19 ވަނަ މަޖިލީހުގެ ވެސް މެންބަރެއް ކަމަށާއި، އެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މިއަދުގެ ބަހުސްގައި މީކާއީލް ކަންބޮޑުވުން ފާޅުކުރެއްވީ ސަރުކާރު ޖަވާބުދާރީކުރުވަން މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ނުކުރާތީއެވެ. އޭނާ ވިދާޅުވީ މަޖިލީހަކީ ރަބަރު ސްޓޭމްޕަކަށް ވެއްޖެ ނަމަ، 2029 ވަނަ އަހަރުގެ އިންތިހާބާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ގެއްލިދާނެ ކަމަށެވެ. ނަމަވެސް އަބްދުއްރަހީމް ވަނީ އެ ވާހަކަތަކަށް އިންކާރު ކުރައްވައި، ރަބަރު ސްޓޭމްޕްގެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ.

