ގިނަ ބައެއްގެ ނުރުހުމާއެކުވެސް މި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސިނގިރޭޓު ޑިއުޓީ 8ރ.އަށް ބޮޑުކުރީ ޑިސެމްބަރު 2024ގައެވެ. އެ ބަދަލު ގެނައީ ވޭޕް މަނާކުރުމާއެކު އޭގެ ބަދަލުގައި ސިނގިރޭޓު ބުއިމަށް މަގުފަހިވެދާނެތީ ކަމަށް ބުނެއެވެ.
އެހެންނަމަވެސް، އޭރު ގެނައި ބަދަލުން، ސަރުކާރުން ސިފަކޮށްދިން އިންގިލާބީ ހެޔޮ ބަދަލު ނުގެނެވި، ހާލަތު ކުރިއަށް ވުރެ ގޯސްވެފައިވާއިރު، ސިޔާސަތު ބަދަލުކޮށް އަލުން އަނބުރާ ޑިއުޓީ 4ރ. އަށް ކުޑަކުރަން ގާނޫނު އިސްލާހުކުރަން މިވަނީ ހުށަހަޅައިފައެވެ. ސިޔާސީ ގޮތުން އުނދަގޫ އެ ނިންމުމަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއެޗްއޯގެ ލަފާގެ މަތިން ގެންނަ ބަދަލެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
ދުންފަތުގެ އަގުބޮޑުކުރަން ސަރުކާރުން ނިންމިއިރު، އެކަން އިސްތިހާރުކުރީ ސަރުކާރުގެ ހިތްވަރުގަދަ ސިޔާސަތެއްގެ ގޮތުގައެވެ. ރާއްޖެއިން ބައިވެރިފައިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ”ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް“ މުއާހަދާގެ ދަށުން ދުންފަތުގެ ޓެކްސް ބޮޑުކުރަން އަބަދުވެސް އެ ޖަމިއްޔާއިން ބާރުއަޅާނަމަވެސް، ސަރުކާރުން ދުންފަތުގެ އަގުބޮޑުކުރިއިރު ޑަބްލިއުއެެޗްއޯގެ ލަފައެއްގެ ވާހަކަ މާ އަޑުހަރުކޮށެއް ނުދައްކައެވެ.
އެއާ ހިލާފަށް، ޑަބްލިއުއެޗްއޯގެ ލަފާގެ ވާހަކަ ދައްކަމުން ދަނީ މިހާރު ދުންފަތުގެ އަގު އަނެއްކާ ވެސް ހެޔޮކުރަން ނިންމާފައިވާ ނިންމުމާ ގުޅުވައެވެ. އަލުން އަނބުރާ ކުރީގެ އަގަށް ދުންފަތުގެ ޑިއުޓީ ހެޔޮކުރަން ނިންމީ، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. ދުންފަތުގެ ޓެކްސްތައް ބޮޑުކުރަން އަބަދުވެސް ހިތްވަރުދޭ ޑަބްލިއުއެޗްއޯއިން އެފަދަ ލަފައެއް ދީފައިވާނަމަ އެއީ އޭގެ ޒާތުގައި ސަރުކާރުގެ ސިޔާސަތު ފެއިލްވެފައިވާކަމުގެ ހެއްކެކެވެ. ނަމަވެސް، އެފަދަ ލަފައެއް ޑަބްލުއެޗްއޯއިން ދިން ކަމެއް އެނގޭ އެއްވެސް ލިޔެކިޔުމެއް ނެތެވެ. އޮތީ މިނިސްޓަރު ވިދާޅުވާ ވިދާޅުވުން އެކަންޏެވެ.
ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ވޭޕްގެ ވިޔަފާރީގެ ކަޅު ބާޒާރެއް އުފެދި، އަގު އުފުލި، ވޭޕްގެ ކަސްޓަމަރުން ބަދަލުވީ ދުންފަތަށެވެ. ދުންފަތުގެ ކަސްޓަމަރުން އިތުރުވެގެން ދިޔައިރު، ކުރިން ނެތް އާ ބާވަތްތަކުގެ ދުންފަތް ރާއްޖެއަށް މިވަނީ ތައާރަފްވެގެންގޮސްފައެވެ.
އެގޮތުން، ސަރުކާރު ހިންގާ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވެސް އެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެއެވެ. ގޭގައި ސިނގިރޭޓު ބަންދުކޮށް، ދިވެހީން އާންމުކޮށް ގަންނަ ބްރޭންޑުތަކާ ވާދައަށް މަޖިލިސް މެމްބަރަކު އޭނާގެ އަމިއްލަ ސިނގިރޭޓު ”ބްރޭންޑެއް“ ވެސް އުފެއްދިއެވެ. އޭގެ އިތުރުން، ބޮޑުކުރި ޑިއުޓީން ސަލާމަތްވުމަށް ގަވައިދާ ހިލާފަށް ސިނގިރޭޓު ފޮރުވައިގެން އެތެރެކުރުމުގެ މައްސަލަތައް ވެސް ދަނީ އިތުރުވަމުންނެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދުންފަތުގެ ބާޒާރު ފުޅާވެ، އަލަށް ތައާރަފްވި ދުންފަތުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ، އަމިއްލައަށް ކަރުދާހުގައި ދުންފަތް އޮޅައިގެން ބޭނުންކުރަން ޖެހޭ ފަދަ އަގުހެޔޮ ދުންފަތް ޕެކެޓުތަކަށެވެ. އެއާއެކު މުޅިން އަލަށް ދިވެހީން ބިޑި އޮޅައިގެން ދުންފަތުގެ އިސްތިއުމާލުކުރުން އާންމު މަންޒަރަކަށް ވެއްޖެއެވެ.
ކުދި ކެފޭ އަދި ޓޭކްއަވޭ ވިޔަފާރިތަކުން ވެސް ދުންފަތް ޕެކެޓުތަކުން ބިޑި އޮޅައި ދަނީ ސިނގިރޭޓުގެ ބަދަލުގައި ފަސް ރުފިޔާއަށް ނުވަތަ ހަ ރުފިޔާއަށް އެއްޗެއް ވިއްކަމުންނެވެ. 10 ރުފިޔާ އާއި 15 ރުފިޔާއާ ދެމެދުގެ އަގަކަށް ސިނގިރޭޓު ލިބޭއިރު، ބިޑިއެއް އޮޅުން ނުވަތަ ގަތުން މާ ފަސޭހަ ކަމަކަށް ވެއްޖެއެވެ. ސިނގިރޭޓަކީ ބަންދުކުރަން ވަކި ބައިނަލްއަގުވާމީ މިންގަނޑުތަކެއް ހުންނަ އެއްޗަކަށް ވާއިރު، މިހާރު ޑިމާންޑު ބޮޑީ ވެސް ސާފުތާހިރުކަން ކަށަވަރުނުކުރެވޭ ގޮތަށް އޮޅާފައި ހުންނަ ބިޑިއަށެވެ.
އާ ބާވަތްތަކުގެ ދުންފަތް އާންމުވުމާއެކު ފޮށީގައި ބަންދުކޮށްގެން ވިއްކަމުން ދިޔަ އަގުބޮޑު ސިނގިރޭޓަށް އޮތް ޑިމާންްޑު ދިޔައީ ދަށަަށެވެ. އަދި އެއާއެކު ކުރިއަށް ވުރެ ހެޔޮ އަގެއްގައި، ބިޑި އޮޅައިގެން، ކުރިއަށް ވުރެ އިތުރަށް ދުންފަތް ބޭނުންކުރުމުގެ ދޮރު ހުޅުވިގެންދިޔައެވެ. ދުންފަތުން ނަގާ ޑިއުޓީ ކުރިން ހުރި މިންވަރަށް ކުޑަކޮށް، އަގު ކުރިން ހުރި އަގަށް ބަދަލުކުރަން ނިންމާފައި މިވަނީ ސިނގިރޭޓަށް އޮތް ޑިމާންޑު ދަށްވެ، ދުންފަތް ޕެކެޓާއި އޭގެން އޮޅާ ބިޑިއަށް ޑިމާންޑު އުފުލިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
ދުންފަތުން ނަގާ ޑިއުޓީ އަނެއްކާވެސް ހެޔޮކުރަން އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރުވެސް، ސިނގިރޭޓުން ނަގާ ޑިއުޓީން ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް ފައިސާ ލިބިފައިނުވެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރު ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުގެ އަދަދުވެސް 21.4 އިންސައްްތަ ދަށަށް ގޮސްފައިވެއެވެ. އެ ބަދަލު އައިސްފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުގެ ”ބިހޭވިއަރ“ ނުވަތަ އާދަތަކަށް އައި ބަދަލެއްގެ ސަބަބުން ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ރަސްމީ މަގުތަކުން ސިނގިރޭޓު އިމްޕޯޓުކުރާ މިންވަރު ދަށްވެފައިވާ ކަމަށް ވެސް ވެއެވެ.
ފާއިތުވި މުއްދަތުގައިި ސިނގިރޭޓު އިމްޕޯޓުކުރުމުގެ ޓްރެންޑަށް ބަލައި ތައްޔާރުކުރި އާމްދަނީގެ އަންދާޒާގައި ވާގޮތުން 1 ޖުލައި އިން ފެށިގެން ޑިއުޓީ ކުޑަކޮށް، އެ ފިޔަވަޅު ތަންފީޒުކުރަން ފަށައިފިނަމަ އަހަރުގެ ބާކީ އޮތް މުއްދަތުގައި އިމްޕޯޓުކުރާ ސިނގިރޭޓުގެ އަދަދު 50 އިންސައްތަ އިތުރުވާނެއެވެ. ނަމަވެސް، އެ ފިޔަވަޅާއެކު، ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭނީ ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ 21 މިލިއަން ރުފިޔާ މަދުން ކަމަށް ބަޔާންކޮށްފައިވެއެވެ.
ދުންފަތް ކޮންޓްރޯލުކުރުމަށް ކަމަށް ބުނެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަކީ ވޭޕް މަނާކުރުމެވެ. ވޭޕްގެ ވިޔަފާރިވެރިންނަށް ބަދަލެއް ނުދީ ކުއްލި ގޮތަކަށް އެ ވިޔަފާރި މަނާކުރުމުން ވިޔަފާރިވެރިންނަށް މިލިއަނުން ގެއްލުންވިއެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ، ދެކަމަކީ ވެސް ސިއްހަތަށް ނުރައްކާތެރި ކަންކަމަށް ވާއިރު، ހަމަހަމަ ގޮތެއްގައި ސަރުކާރުން ފިޔަވަޅު އަޅާފައި ނުވުމެވެ. ވޭޕްގެ ވިޔަފާރި ހުއްޓުވާލިއިރު ދުންފަތުގެ ވިޔަފާރިތަކަށް މާކެޓުގެ ބޮޑު ބައެއް އަތުލުމުގެ ފުރުސަތު ހުޅުވާލުމެވެ.
ވޭޕް މަނާކުރި ސަބަބުތަކުގެ ތެރެއިން ސަރުކާރުން މައިގަނޑު ގޮތެއްގައި ފާހަގަކުރާ ކަމަކީ ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިވުމެވެ. ނަމަވެސް، ދުންފަތުގެ ގެއްލުމާ ބެހޭގޮތުން ވަކާލާތުކުރާ މާހިރުން ފާހަގަކުރާ ގޮތުގައި ދުންފަތަކީ ވެސް އޭގެ ޒާތުގައި މަސްތުވާއެއްޗެހި ބޭނުންކުރުމަށް މަގުފަހިކޮށްދޭ ދޮރާއްޓެކެވެ. ”ގޭޓްވޭ ޑްރަގް“ އެކެވެ. ދުންފަތް ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު، ދުންފަތް ބޭނުންކުރާ މީހުން، އުމުރުގެ ވަކި ހިސާބަކުން މަސްތުވާތަކެއްޗަށް ހުށަހެޅޭ ނިސްބަތް ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ދުންފަތަކީ މަސްތުވާތަކެތީގެ ބައެއް ބާވަތްތައް އިސްތިއުމާލުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވާއިރު ހަމަހަމަ ނަޒަރަކުން ވިސްނާއިރު، ދެކަމަކީ ވެސް އެއްވަރަކަށް ގެއްލުން ބޮޑު ދެކަން ކަމަށް ފާހަގަކުރެއެވެ.
ވޭޕް މަނާކުރުމުން އޭގެ އިސްތިއުމާލުކުރަމުން ދިޔަ އެތައް ހާސް ބަޔަކު އޭގެ ބަދަލުގައި ބޭނުންކުރަން ފެށީ އެ މީހުން ކުރިން ހުއްޓާލި ދުންފަތެވެ. ނަތީޖާއަކީ ކަސްޓަމަރުންގެ އަދަދު އިތުރުވެ ދުންފަތް އެތެރެކުރާ ފަރާތްތަކަށް ބާޒާރުގައި ލިބިފައި އޮތް ހިއްސާ ބޮޑުވުމެވެ.
ދުންފަތް އަގުބޮޑުކުރީ ވޭޕްގެ މަނާކުރުމުން އޭގެ އިސްތިއުމާލުކުރާ ފަރާތްތަށް ދުންފަތް ބޭނުންކުރުން ހުއްޓުވުމަށް ކަމަށް ބުނިނަމަވެސް، އެ ނަތީޖާވެސް ފެނިގެން ގޮސްފައިނުވެއެވެ. ސަރުކާރުގެ ދުރުވިސްނުމެއް ނެތް ސިޔާސަތުތަކުގެ ސަބަބުން ވޭޕްގެ ވިޔަފާރީގެ ކަޅު ބާޒާރެއް އުފެދިފައިވާއިރު، ކުރިން ސިނގިރޭޓު ލިބުނު އަގަށް ވުރެ މާ ހެޔޮ އަގެއްގައި މިހާރު ބިޑި ލިބެން އެބަ ހުއްޓެވެ. އަދި އެ ކަޅު ބާޒާރުގައި ވޭޕް ކާޓްރިޖު ވިއްކާ ފަރާތްތަކާއި ވޭޕް ގެންގުޅޭ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުންދާއިރު، ޒުވާނުން ކުށްވެރިންނަށްވެ، ބޮޑެތި މާލީ ބުރަތައް އުފުލަން ވަނީ ޖެހިފައެވެ.
އެހެންކަމުން، މި ސަރުކާރުން ދުންފަތް ކޮންޓްރޯލުކުރުމަށް އެޅި ފިޔަވަޅުތައް، އެއްކޮށް، ގެއްލުވައި، ގުނަކުރުމުން ނުކުންނަ ނަތީޖާއަކީ، ވޭޕްގެ ވިޔަފާރި ފުނޑި، ދުންފަތުގެ ވިޔަފާރިއަށް މާލީ މަންފާވުމެވެ. ދުންފަތުގެ ބާވަތްތައް ގިނަވުމެވެ. ޒުވާނުން ބޮޑެތި ޖޫރިމަނާތަކަށް ހުށަހެޅުމެވެ. ބިޑި އޮޅަން ޖެހުމެވެ. އާންމު ސިއްހަތުގެ ހާލަތު ކުރިއަށް ވުރެ ބޮޑަށް ބޮއްސުންލައިގެން ދިޔުމެވެ.

