ރާއްޖޭގެ ދެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ މަސްވެރި ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅަކީ މަސްވެރިންނަށް ވިއްކާ ތެޔޮ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިވަގުތު ތެޔޮ ހެޔޮ އަގުގައި ނުލިބޭ ދެ އަތޮޅަކީ މ. އަތޮޅާއި ލ. އަތޮޅެވެ.
”ދިވެހިރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މިވަގުތުވެސް މި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް މިވަނީ ހަމަޖެހިފައި. އެއީ މިވަގުތު މ. އަތޮޅާއި ލ. އަތޮޅުން އަޅުގަނޑުމެންނަކަށް ސީދާ ކޮންމެ ދުވަހަކު ތެލެއް ނުވިކޭ،“
އެހެންނަމަވެސް ބައެއް ފަހަރު މިފްކޯގެ ބޯޓުފަހަރު މެދުވެރިކޮށް އެ ދެ އަތޮޅުންވެސް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ޑީސަލް ވިއްކަން ފަށާފައިވަނީ މަސްވެރިން ކަނޑަށް ނުކުތުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު ތެޔޮ ލިބުމުގައި ދަތިތަކެއް ހުރި ދެ އަތޮޅުގެ މައްސަލަ ހައްލުކުރުމަށްޓަކައިވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިއީ މަސްވެރިންނަށް ލިބޭ ލުޔެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

