ލ އަތޮޅުގެ ދެވަނަ އެއާޕޯޓު އެ އަތޮޅުގެ އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރި ޕޯސްޓެއްގައިއެވެ. ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މި އެއާޕޯޓު ތަރައްގީކުރާނީ ދުރުރާސްތާއަށް ވިސްނައި، އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރެވެން އޮތް ސަރަހައްދެއްގައި އެއާޕޯޓު އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ލ.އަތޮޅު އިސްދޫ ކަލައިދޫގައި ތަރައްގީކުރާ އެއަރޕޯޓުގެ ސަބަބުން މުޅި އަތޮޅުގެ ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް އިސްދޫ ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އިސްދޫ ކަލައިދޫއަކީ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެކެވެ.

