ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ހަދިޔާކުރި ”ފޭޝަލް ރިކޮގްނިޝަން ސިސްޓަމް“ ރަސްމީކޮށް މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ކޯޕަރޭޓް ހޯލްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ދައުލަތުގެ ފަރާތުން މި ސިސްޓަމާ ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މި ސިސްޓަމް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
މި ސިސްޓަމަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށް ޓަކައި ޖަޕާނުން ފޯރުކޮށްދިން މުހިންމު އެހީއެކެވެ.
މީގެ ސަބަބުން ރާއްޖޭގެ އެއާޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި، މި އާ ސިސްޓަމްގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވާނެއެވެ. އަދި އެއާޕޯޓުން ދޭ ޚިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ބައިނަލްއަގުވާމީ ފެންވަރަށް މަތިވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ. ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ޖަޕާނުން ވެދެއްވި މި އަގުހުރި އެހީތެރިކަމަށް ޓަކައި އިމިގްރޭޝަނުން ވަނީ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔަރޑް) އަޙްމަދު ފަޞީޙްގެ އިތުރުން، ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ކޮމިޝަނަރު އޮފް ޕްރިޒަންސް ޙަސަން ޒަރީރު އަދި ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

