މާލޭ ސިޓީގެ ޓީޖެޓީ ސަރަހައްދު ސާފުކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން، ތިން ދުވަސްތެރޭ އެ ސަރަހައްދުން 46 ޓަނުގެ ކުނި ނަގައި އެތަން ސާފުކޮށްފި ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ޓީޖެޓީ ސަރަހައްދު އެންމެ ފަހުން ސާފުކޮށްފައިވަނީ މިދިޔަ ރޯދަ މަސް ފެށުމުގެ ކުރިންނެވެ. އެހެންކަމުން، މިހާ ގިނަ އަދަދެއްގެ ކުނި އެ ސަރަހައްދަށް ޖަމާވެފައިވަނީ އެންމެ ފަސް މަސްދުވަހުގެ ތެރޭގައި ކަން ފާހަގަކުރެވެއެވެ.
ޓީޖެޓީ ސަރަހައްދަށް އުކާފައި ހުރި ކުނިތައް ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ހޭދަވިއިރު، އެ ތަނުން ނެގި ތަކެތީގެ ތެރޭގައި ބާ ފަރުނީޗަރާއި، އާންމު ކުންޏާއި އެކި ބާވަތުގެ ޕްލާސްޓިކު ކުނި ހިމެނޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މާލޭގެ މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ގޭތެރޭގައި ގެންގުޅޭ ބާ ސާމާނުތަކާއި ބޮޑެތި ކޮތަޅުތަކުގައި ކުނި ބަހައްޓާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. މިފަދަ ކުނިތައް ކައުންސިލުން ސާފުކުރަމުންދާއިރު، ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ހޯދައި ބައެއް ފަހަރަށް ޖޫރިމަނާވެސް ކުރަމުންދާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ކައުންސިލުން ވަނީ މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ އެ ކައުންސިލްގެ ހޮޓްލައިން 9341144 އަށް ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވުމަށް އެދިފައެވެ. އަދި ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެން މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

