ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފޮޅަދޫ ކައުންސިލްގެ ބަޖެޓުން 1.4 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅަދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި 1.4 މިލިއަން ރުފިޔާގެ ފަރަގެއް ހުރިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުނު ބޮޑުފޮޅަދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ރިޕޯޓުގައި، އެ ކައުންސިލުގެ ޖުމުލަ 1.4 މިލިއަން ރުފިޔާ ވީނުވީއެއް ނޭނގި ގެއްލިފާވާކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުތުންވެސް 2 މައްސަލައެއް ފާހަގަވެފައިވާކަން ރިޕޯޓުން ހާމަކުރެއެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސިޓީ ނަންބަރު CPDM-221-2018/2019 ގައި ކައުންސިލްތަކުގެ މާލީ ކަންކަން ”ވިޔަ މޮޑިއުލް“ގައި ރިކޯޑުކޮށްގެން ބެލެހެއްޓުމަށް ކައުންސިލްތަކަށް އަންގާފައިވެއެވެ.

ނަމަވެސް، ބޮޑުފޮޅުދޫ ކައުންސިލް އިދާރާ އިން ހުށަހަޅާފައިވާ ”ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާން“ ތައްޔާރުކޮށްފައިވަނީ ކައުންސިލްގެ ރިކޯޑުތަކާ ނުގުޅޭ ގޮތަށް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ހިމެނޭ ތާވަލުން ދައްކާ ގޮތުގައި، ލިބުނު ފައިސާގެ ޖުމްލައިގައި ވިޔަ މޮޑިއުލްގެ ރިކޯޑުތަކުން ދެއްކި އަދަދަކީ 10,797,872 ރުފިޔާ ނަމަވެސް، ހުށަހަޅާފައިވާ މާލީ ބަޔާނުގައި ހިމަނާފައިވަނީ 9,346,889 ރުފިޔާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މި ދެ އަދަދު ދެމެދު 1,450,983 ރުފިޔާގެ ފަރަގެއް ހުރި ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ހަރަދުގެ ބައިގައިވެސް ވިޔަ މޮޑިއުލްގެ ރިކޯޑުތަކާ ހުށަހަޅާފައިވާ މާލީ ބަޔާނާ ތަފާތުތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. މި ސަބަބާ ހެދި، ހުށަހަޅާފައިވާ ”ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާން“ގައިވާ އަދަދުތަކަކީ ސައްހަ އަދަދުތަކެއް ކަން ކަށަވަރުނުކުރެވޭ ކަމަށް ވާތީ، ރިޕޯޓާއެކު ކައުންސިލްގެ ”ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާން“ ހިމަނާފައިނުވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގައި ރަށު ކައުންސިލުން ބިމުގެ ދަފްތަރެއް ބަލަހައްޓަން ލާޒިމްވާ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 2024 ވަނަ އަހަރު ނިމިގެންދިޔައިރު ބޮޑުފޮޅުދޫ ކައުންސިލް އިދާރާއިން ބިމުގެ ދަފްތަރެއް ބަލަހައްޓާފައި ނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބިމުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުގެ ދަށުން، ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި، ސަރުކާރަށް ދޫކުރެވިފައިވާ ބިންތަކާއި، ވިޔަފާރި ބޭނުންތަކަށް ދޫކުރެވިފައިވާ ބިންތައް ހިމެނޭ ގޮތަށް ދަފްތަރެއް ލިޔެ ބަލަހައްޓަންޖެހޭކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ލަފާ ދީފައިވަނީ، ލާމަރުކަޒީ ގާނޫނުގެ 23 ވަނަ މާއްދާ ގެ (ހ) ގެ 12 ވަނަ ނަންބަރާ އެއްގޮތަށް ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމަށާއި، ލޭންޑް ޔޫސް ޕްލޭންގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި ހުސްކޮށް ހުރި ބިންތަކުގެ ދަފްތަރެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށެވެ.

މީގެ އިތުރުން، ދިރިއުޅެން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ގާޑިޔާ ހިންގުމާއި ދަނޑުވެރިކަން ފަދަ ބޭނުންތަކަށް ބިން ދޫކުރާ ނަމަ އާންމުކޮށް އިއުލާންކޮށްގެން ދޫކުރަންޖެހޭ ކަމަށް ލާޒިމްވެއެވެ. ނަމަވެސް، 2024 ވަނަ އަހަރު ބޮޑުފޮޅުދޫ ކައުންސިލުން ގާޑިޔާ ހިންގުމަށާއި ރެސްޓޯރަންޓްތަކުގެ އައުޓްޑޯ ސަރަހައްދުތަކަށް ކައުންސިލްގެ ބިން ވަގުތީ ގޮތުން ކުއްޔަށް ދޫކޮށްފައިވަނީ އާންމުކޮށް އިއުލާންނުކޮށް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކުއްޔަށް ދޫކޮށްފައިވާ ބިންތަކަކީ ކައުންސިލުން ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ދޫކޮށްފައިވާ ބިންތަކެއް ނޫން ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 89%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: