މާލެ ސަރަހައްދަށް ކުރި ގަދަ ވިއްސާރައިގައި ހުޅުމާލޭގެ ”އަމާންދޯދި“ ޓަވަރުތަކުގެ އެޕާޓްމަންޓްތަކަށް ފެންވަދެ، އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ބާރު ވައިގަނޑާއެކު ކުރި ވާރޭގައި ފްލެޓްތަކުގެ އެތެރެއަށް ފެންވަދެ، މުދަލަށާއި އިމާރާތަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.
އަމާންދޯދި ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން މައުލޫމާތު ދޭ ގޮތުގައި، ވިއްސާރަވުމާއެކު ކުޑަދޮރުތަކުންނާއި ސީލިންގުން ފެން ލީކުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓަވަރުތަކުގެ ކޮރިޑޯތަކާއި ބައެއް ފްލެޓްތަކުގެ އެތެރޭގައި ވަނީ ފެންބޮޑުވެފައެވެ. ބައެއް ރައްޔިތުން ބުނާ ގޮތުގައި ރޭގެ ހަތަރުދަމު އެމީހުން ހޭދަކުރީ ފެން ހިއްކުމުގައެވެ.

ފެންވަނުމުގެ އިތުރުން، އިމާރާތުގެ މެއިންޓަނެންސްއާ ގުޅޭ ގިނަ ޝަކުވާތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން 16 ވަނަ ޓަވަރުގެ ލިފްޓެއް ހަލާކުވެފައި ހުންނަތާ ތިން މަސް ވެފައިވާ ކަމަށާއި، ކޮންމެ މަހަކު މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއިން ކުރާ ފައިދާއެއް ނެތް ކަމަށް ބުނެ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. ދޮރުތައް ރަނގަޅަށް ބަންދުނުވުމާއި، ބައެއް ތަންތަނުގައި ހަމައެކަނި ދަގަނޑު ގަނޑެއް ޖަހާފައި ހުރުމަކީ ވިއްސާރަ މޫސުމުގައި ނުރައްކާތެރި ކަމެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރެއެވެ.
މި މައްސަލަތަކާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ރޭގެ ވަގުތެއްގައި އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ފާއިތުވި އެއް އަހަރުގެ ތެރޭގައި އަންނަ ޝަކުވާތައް އޮޓަމެޓިކުން ފޮނުވެނީ ކޮންޓްރެކްޓަރުން ކަމަށްވާ ޖޭއެމްސީ އަދި އެމްސީސީއަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލަތަކަކީ ކުރީ ސަރުކާރުގެ އިހުމާލުން ވެފައިވާ ކަންކަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ހަމްދާން އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އަމާންދޯދި ފްލެޓްތަކުގެ ސްކޯޕް ކަނޑައެޅިއިރު ބައެއް މުހިންމު ކަންކަން ހިމަނާފައިނުވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަދޮރުތައް ނުލުމަށް ނިންމާފައި އޮތުމާއި، ކަރަންޓާއި އިންޓަނެޓް ފަދަ އަސާސީ ޚިދުމަތްތައް ވެސް ފުރިހަމަ ސްކޯޕެއްގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ދިމާވާ މައްސަލަތަކަކީ އިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމާންދޯދި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ވިއްސާރަ މޫސުން ކުރިއަށް އޮތްއިރު، މި މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ރައްޔިތުންގެ މުދަލަށާއި ސިއްހަތަށް އިތުރު ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން އެކަކު އަނެކަކަށް ތުހުމަތު ކުރުމުގެ ބަދަލުގައި، އަމަލީ ގޮތުން މިކަންކަން ހައްލުކޮށްދިނުމަކީ މިއަދު ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމެވެ.

