ނިމުނު ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކާގެ 15 ހާދިސާއެއް ހިނގައިގެން ރިޕޯޓު ލިބިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 21 އިން 27 އަށް ހިނގި މި ހާދިސާތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް (އެފްއާރްއެސް) އިން ވަނީ ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާތައް މައިގަނޑު ގޮތެއްގައި ހިނގާފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައެވެ.
މިދިޔަ ހަފްތާގައި ހިނގި ހާދިސާތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 09 ހާދިސާއެއް ރިޕޯޓުކޮށްފައިވާއިރު، ނުރައްކާތެރި މާއްދާތަކާ ގުޅޭ 01 ހާދިސާއަކާއި، ކާރިސީ 01 ހާދިސާއެއް ހިމެނެއެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ 02 ހާދިސާއަކާއި، ބަލިމީހުން އުފުލުމުގެ ނުވަތަ މެޑިކަލް އިވެކުއޭޝަނުގެ 02 ހާދިސާއެއްގައި އެމްއެންޑީއެފުން ވަނީ އެހީތެރިވެފައެވެ.
ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. އެ ސަރަހައްދުން 12 ހާދިސާއެއް ރިޕޯޓުކޮށްފައިވާއިރު، ސަދަން އޭރިއާ ކޮމާންޑަށް ރިޕޯޓުކޮށްފައިވަނީ ތިން ހާދިސާއެކެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން ބުނީ، އަލިފާނުގެ ނުރައްކާތަކުންނާއި އެކި ބާވަތުގެ ކާރިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމަށް އެ އިދާރާއިން 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުއްލި އެފަދަ ހާލަތްތަކުގައި އެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 118 އަށް ގުޅުއްވައިގެން އެހީތެރިކަން ހޯއްދެވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

