ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް ހަދަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ކަމަށާއި، ނަމަވެސް އެ ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށްނުދާ ކަމަށެވެ. އެހެންކަމުން ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ބިޔަ މަޝްރޫޢެއް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ، ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރެއް އެތަނުގައި ހެދުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން،“ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސްވެސް ޒަމާނީ ގޮތަށް ބަދަލުކޮށް، ޚާއްސަ ފަރުވާ ދެވޭނެ ސެޓަޕެއްގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މީގެ އިތުރުން، ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު އަދި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ދާއިރާތަކަށް މީހުން ބިނާކުރުމުގެ މުހިންމުކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޚާއްޞަ ސިޔާސަތުތަކެއް އެކަށައަޅަމުންނެވެ. އެގޮތުން ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެންޑީއޭއިން ވަނީ ފަށާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލައަށް ވާއިރު، މި މައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: