ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ތަޙުޤީޤީ އިޖުރާއަތުގެ ގަވާއިދަށް އިޞްލާޙުތަކެއް ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތައް ބެލުން އަވަސްކުރުމަށާއި، ތަޙުޤީޤީ މަރުޙަލާތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ”އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤުކުރުމުގެ އިޖުރާއަތުގެ ގަވާއިދު“ އަށް ފުރަތަމަ އިޞްލާޙު ގެނެސް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

މި ބަދަލުތަކަކީ ޤާނޫނުއަސާސީން ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ލިބިދޭ، މައްސަލަ އަވަހަށް ތަޙުޤީޤުކޮށް ނިންމުމުގެ ޙައްޤު ކަށަވަރުކުރުމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ގެނެވުނު ބަދަލުތަކެކެވެ.

އަލަށް ގެނެވުނު އިޞްލާޙުގެ ދަށުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި ރަޖިސްޓަރީކުރުމާމެދު ގޮތް ނިންމުމަށް ”ރަޖިސްޓްރާރ“ އެއްގެ މަގާމު ވަނީ ކަނޑައަޅައިފައެވެ. ރަޖިސްޓްރާރގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހުށަހެޅޭ މައްސަލަތަކަކީ ގަވާއިދާ އެއްގޮތަށް ހުށަހެޅިފައިވާ މައްސަލަތަކެއްކަން ކަށަވަރުކުރުމާއި، މައްސަލަ ރަޖިސްޓަރީކުރުމުގެ ކުރިން އިތުރަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގެ އިތުރުން، މައްސަލަ ހުށަހެޅި ފަރާތަށް ނިންމި ގޮތް ލިޔުމުން އެންގުން ހިމެނެއެވެ.

މި އިޞްލާޙާއެކު، ކޮމިޝަނުގައި ރަޖިސްޓަރީކުރާ ކޮންމެ މައްސަލައެއްގެ އެސެސްމަންޓެއް ހަދަންޖެހޭނެއެވެ. މި އެސެސްމަންޓް ހެދުމުގައި މުޖުތަމަޢުގެ އާންމު މަސްލަހަތާއި، ދައުލަތަށް ލިބިދާނެ ގެއްލުމާއި، ހެކި ނައްތާލުމުގެ އިހުތިމާލު އޮތް މިންވަރަށް ރިއާޔަތްކުރަންޖެހެއެވެ. އަދި ތުހުމަތުވާ ފަރާތުގެ މަގާމާއި ނުފޫޒަށް ބަލައި، މައްސަލަ ތަޙުޤީޤުކޮށް ނިންމަންޖެހޭ ވަކި މުއްދަތެއް ކަނޑައަޅަންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޕީޖީގެ އެންގުންތަކަށް ޢަމަލުކުރުން

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ވަކި މައްސަލައެއް ތަޙުޤީޤުކުރުމަށް އަމުރުކޮށްފި ނަމަ، އެ މައްސަލައަކަށް ޚާއްޞަ އިސްކަމެއް ދީގެން އަވަހަށް ނިންމަންޖެހެއެވެ. ޕީޖީ ފޮނުވާ އެހެނިހެން އެންގުންތަކަށް، ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ނަމަ، ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި ޖަވާބުދާރީވާންޖެހެއެވެ. އިތުރު ވަގުތު ބޭނުންވާ ނަމަ، އަދި 7 ދުވަހުގެ މުއްދަތެއް އިތުރުކޮށްދިނުމަށް ލިޔުމުން އެދުމުގެ ފުރުޞަތު އޮވެއެވެ.

އިތުރު އިޖުރާއަތްތަކާއި ތަންފީޛުކުރުން

މީގެ އިތުރުން، މި ގަވާއިދުގައި މީހުން ހާޒިރުކުރުމާއި، ސުވާލުކުރުމާއި، ތަންތަން ބަލައި ފާސްކުރުމުގެ އިތުރުން ފޮރެންސިކް ހެކި ހޯދުމާއި ބެންކް އެކައުންޓުތައް މޮނިޓަރކުރުމުގެ އުސޫލުތައް ވަނީ ހިމަނާފައެވެ. އޭސީސީން ބުނެފައިވަނީ، މި އިޞްލާޙުގެ ދަށުން އެކުލަވައިލަންޖެހޭ އުސޫލުތައް ގަވާއިދަށް ޢަމަލުކުރަން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 2 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: