ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ދޭ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އަންނަ އަހަރުގެ ތެރޭގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުންކުރަން ފަށާނެކަން ހޯމް މިނިސްޓަރ ޢަލީ އިހުސާން އިއުލާން ކުރައްވައިފިއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ، ”ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ“ ހިދުމަތަކީ ފުލުހުންގެ މަސައްކަތަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ހިދުމަތް ތައާރަފްވުމުން، ކުށުގެ ހާދިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް ރިޕޯޓްކުރުމާއެކު، ފުލުހުންގެ ޓީމެއް އެ ތަނަކަށް ދިއުމުގެ ކުރިން ޑްރޯން އެ ސަރަހައްދަކަށް ފޮނުވާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މީގެ ސަބަބުން މަގުމަތީގެ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ނުވަތަ ކަނޑު ހުރަސްކޮށް ދާންޖެހޭ ރަށްރަށަށް ފުލުހުން ދިއުމުގައި ލަސްތަކެއް ދިމާވި ނަމަވެސް، ވީޑިއޯގެ ޒަރިއްޔާއިން އެ ތަނެއްގެ ހާލަތު ވަގުތުން ކޮމާންޑް ސެންޓަރަށާއި ރެސްޕޮންޑްކުރާ އޮފިސަރުންނަށް ފެންނަން ހުންނާނެއެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ”ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް“ ހޯދުމުގެ މަސައްކަތް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ކަމަށެވެ. އިހުސާން ވިދާޅުވީ މި ސިސްޓަމް އަޕްގްރޭޑް ވުމުން، އެހީއަށް އެދި ގުޅާ ފަރާތް ހުރި ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދެއްގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފީޑްތައް ވަގުތުން ސިސްޓަމުން ފެންނަން ހުންނާނެތީ، ހާދިސާ ހިނގާ ތަނުގެ މައުލޫމާތު މާ ފުރިހަމައަށް ފުލުހުންނަށް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މި ހުރިހާ ޓެކްނޮލޮޖީއެއް ހިންގުމަށް ބޭނުންވާ އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފެށިފައިވާކަމަށެވެ.
ފުލުހުން ކުރައްވަމުންގެންދަވާ ޚިދުމަތަށް އިތުރަށް އެހީތެރިވުމަށް އަދި މިހާރަށްވުރެ ރައްޔިތުންނަށްދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއަށްބޭނުންވާ އެއްމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދެއްވުމުގެ މަސައްކަތްތަކެއްވެސް ރައީސުލްޖުމްހޫރިއްޔާގެންދަވަނީ ކުރައްވަމުން. މިގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓާއި، އެހީއަށްއެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެގޮތާއި އެހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާފީޑްތައް ވަގުތުން ފެންނަގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެވިގެންދާނެ. މީގެ އިތުރުން ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ ޚިދުމަތްވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތާރަފްކުރެވިގެންދާނެ. މި ޚިދުމަތުގެ ސަބަބުން ފުލުހުންނަށް އިންސިޑެންޓެއް ރިޕޯޓުކުރުމާއިއެކު ފުލުހުންގެ ޑްރޯން އެސަރަހައްދަކަށް ޑިޕްލޮއި ކުރެވި ރެސޕޮންޑްކުރާ އޮފިސަރުންނާއި ކޮމާންޑް ސެންޓަރަށް ތަނުގެ ހާލަތު ވިޑިއޯގެ ޒަރިއްޔާއިން ވަގުތުން އަންގަމުންދާނެ. އެއްގަމުގެ ޓްރެފިކާއި އަދި ކަނޑު ހުރަސްކޮށް ޚިދުމަތްފޯރުކޮށްދޭން ދާންޖެހޭ ހާލަތުގައި ފުލުހުން އެހިސާބަށް ދިއުން ލަސްވިޔަސް ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ހާލަތު ދެނެގަނެވި މިހާރަށްވުރެ އެފިޝިއެންޓްކޮށް ޚިދުމަތްދެވިގެންދާނެ.
ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ ހިދުމަތުގެ ”ރަން އަހަރެއް“ ކަމަށް ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކާ ދެކޮޅަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށެވެ. އަދި ގޭންގުތަކުން އަމަން ނަގާލުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައިވާކަން ފާހަގަކުރައްވައި، ކުށުގެ މާހައުލުގައި އުޅޭ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަށް ”ސިކުންޑިއާއި ނަފްސު ތަރައްގީ ކުރުމުގެ ސިޔާސަތު“ ގެ ދަށުން ހާއްސަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައަށް މިނިސްޓަރ ވިދާޅުވީ، ބަޔޮމެޓްރިކްސް ނުދީ ފިލައިގެން އުޅޭ 2000 އެއްހާ ބިދޭސީން ހޯދައި، ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް އަންނަ އަހަރު ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން ޓެކްނޮލޮޖީއާއެކު ފުލުހުންގެ އޮފިސަރުން މަގުމަތިން ފެންނަ މިންވަރު ވެސް އިތުރުވެގެންދާނެކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، ފުލުހުންގެ އެންމެ ބޮޑު ރައުސުލްމާލަކީ ރައްޔިތުންގެ އިތުބާރު ކަމަށެވެ. އެހެންކަމުން، ކޮންމެ ފުލުހަކުވެސް އިންސާފުވެރިކަމާއި، ޕްރޮފެޝަނަލިޒަމް އަދި އިންސާނިއްޔަތުކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. އަންނަ އަހަރު ނިމިގެންދާއިރު، ދިވެހި ފުލުހުންގެ ހިދުމަތަކީ ދިވެހި ހުރިހާ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ފުރިހަމަ ހިދުމަތަކަށް ވެގެންދާނެ ކަމުގެ ޔަގީންކަންދޭކަމަށް އިހުސާން ވިދާޅުވި އެވެ.

