ދިވެހި ފުލުހުންގެ ޚިދުމަތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ މަދުކަން ހައްލުކުރުމުގެ ގޮތުން، މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ އައު ޕޮލިސް ހެޑްކުއާޓަރެއް ތަރައްގީކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާނުކުރެއްވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ، ފުލުހުންގެ މައި އިދާރާ މިހާރު ހިންގަމުންދަނީ ވަރަށް ދަތި ޖާގައެއްގައި ކަމަށާއި، އެހެންކަމުން ހުރިހާ ވަސީލަތްތަކެއް ހިމެނޭ ތަނަވަސް ބިނާއެއް މާލޭގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ.
މާލޭގެ އިތުރުން މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އަތޮޅުތެރޭގައި މިހާރު ފަށާފައިވާ ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަކީ އަމާޒެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ފުލުހުންގެ ޚިދުމަތް ވަރުގަދަކުރުމަށްޓަކައި، އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތް އެޅުމާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޒަމާނީ ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ބިނާކުރުމުގެ މަސައްކަތް ފަހިކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުލުހުންނަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެ މުއައްސަސާ ހަރުދަނާކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

