މަޖީދީމަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ ބިދޭސީއަކު ވެއްޓި އަނިޔާވި ހާދިސާގައި، އެ ކަމުގައި އިހުމާލުވި ފަރާތްތައް ޖޫރިމަނާކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި މައްސަލާގައި އިހުމާލުވި ފަރާތް ޖޫރިމަނާކޮށްފައިވަނީ 5,000 ރުފިޔާއިންނެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ހާދިސާ ހިނގީ މަޖީދީމަގު ޗެކްމާކްސް ކައިރީގައި ހުންނަ ގޯޅިއެއްގައި އިމާރާތް ކުރަމުންދިޔަ ސައިޓެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 13:53 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ހުރިހާ ފަރާތްތަކަކުންވެސް ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.

