ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާއިބެހޭ ގާނޫނު އުވެންޖެހޭ ކަމަށާއި، ދާއިމީ އެޑްރެހަކީ ދިވެހިރައްޔިތުން އައިޑެންޓުފައި ކުރަންޖެހޭ އެއްޗެއް ނޫން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ މިހާރު އޮތް ގާނޫނުން ރަމްޒުކޮށްދެނީ ދާއިމީ އެޑްރެސް ކަމަށާއި، އެއީ ބޯދާ ފިކުރާއި ހަސަބާއި ނަސަބަށް ބުރަވެފައިވާ ކަމެއް ކަމަށެވެ. މިއީ ރާއްޖޭގައި އުވެންޖެހޭ ގާނޫނުތަކެއްކަން ފާހަގަކުރައްވައި، ދާއިމީ އެޑްރެހަކީ ދިވެހިރައްޔިތުން އައިޑެންޓުފައި ކުރަންޖެހޭ އެއްޗެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައިވެސް ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، ގައުމެއް ބަދަލުވެގެން ދާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީވެސް އެއް ހަމައެއްގައި ތިބޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. މީގެކުރިން ރަށަކުން މީހަކު މާލެއަށް އައުމުން ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދިޔަ ކަމަށާއި، އެ ޒަމާނުގައި ރާއްޖޭން ބޭރުން ކިޔަވަންދާންވެސް ފުރުސަތު ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީއާ ހަވާލާދެއްވައި ޝަމްހީދު ވިދާޅުވީ، ”ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކުރޭ ހުރިހާ ދިވެހިންނަކީވެސް އެއް ހަމައަކުން މިންކުރަން ޖެހޭ ބައެއް. އެމީހުން ދިރިއުޅޭ ތަނަކުން ނުވަތަ ހިޖުރަކުރާ ތަނަކުން އެމީހުން ތަފާތުނުކުރެވޭނެ ކަމަށް ގާނޫނުއަސާސީ އެބަ ބުނޭ. ގާނޫނުއަސާސީގައި ނުބުނޭ ދާއިމީ އެޑްރެހެއް އޮންނަން ޖެހޭނެ ކަމަކަށް“ ކަމަށެވެ.
މީގެ އިތުރުން، މާލެއަށް ވިހާ ކުދިންގެ ދާއިމީ އެޑްރެސްވެސް ހުންނަނީ އެމީހުންގެ މައިންބަފައިންގެ ރަށުގައި ކަމަށާއި، 40 އަހަރުވަންދެން މާލޭގައި އުޅެ، ދަފްތަރުގައި ޖެހިފައި އޮތް ނަމަވެސް އެއީ މާލޭގެ ރަށްވެހިންނަށް ނުވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ރައްޔިތުންގެ ގިނަ ހައްގުތަކެއް ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ޝަމްހީދު ވިދާޅުވީ، ދާއިމީ އެޑްރެހުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެހެންކަމުން މިހާރު އޮތް ރަށްވެހިކަމުގެ ގާނޫނު އުވެންޖެހޭ ކަމަށެވެ.

