ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ މާލެ ރައްޔިތުން ގުނބޯ ހައްދައިގެން އުޅޭ ބައެއް: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) އަކީ މާލެ ރައްޔިތުން ގުނބޯ ހައްދައިގެން އަވާމެންދުރު ދައްކައިގެން އުޅޭ ބައެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

އައިފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ބަހުސްކުރައްވަމުންނެވެ. އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އައިފާނު ވިދާޅުވީ، އެމްޑީޕީއަކީ މާލޭގެ ރައްޔިތުންނަށް އޮތް ބޮޑު މުސީބާތެއް ކަމަށާއި މާލޭގެ ރައްޔިތުން އެމްޑީޕީއާ މެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. އަދި އެމްޑީޕީއެއް ދުވަހަކުވެސް މާލޭ ރައްޔިތުންނަކަށް ހެވެއް ނޭދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

”މާލެ ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދެން އުޅުނު ބައެއް ނޫން އެއީ މާލެ ރައްޔިތުންނަށް ޖެއްސި މުސީބާތް، އެމްޑީޕީ އަކީ ދުވަހަކުވެސް މާލެ ރައްޔިތުންނަށް ހެޔޮ އެދޭނެ ބައެއް ނޫން،“ އައިފާން

މާލެ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ކަނޑުންނާއި ފަޅުން ގޯތި ދޫކުރި ބަޔަކީވެސް އެމްޑީޕީ ކަމަށް ވިދާޅުވެ އައިފާން ވަނީ ނުރުހުންފާޅު ކުރައްވާފައެވެ.

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ހުޅުމާލޭގެ ފޭސް 3ގައި ގޯތި ދީފައިވަނީ ކަނޑުގެ 10 މީޓަރު އަޑިން ކަމަށެވެ. އެހެންނަމަވެސް، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ތަސައްވަރު ފުއްދައިދިނީ މިހާރުގެ ރައީސް ޑރ. މުއިއްޒު ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެގޮތުން 3 ބުރީގެ އިމާރާތެއްގެ އުސްމިނަށް ބިން ހިއްކާ މާލެ ރައްޔިތުންނަށް ގޯތި ދިނީ މިސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. މީގެ އިތުރުން ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައި ގޯތި ދިނީވެސް މި ސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އެ ހަގީގަތް ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އައިފާން ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާ ދެއްވާނީ މި ސަރުކާރުން ކަމަށެވެ.

އިދިކޮޅު އެމްޑީޕީއިން ކިތަންމެ ރުޅި އައިސްގެން، ކިތަންމެ ވާހަކައެއް ދެއްކިޔަސް ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް މެމްބަރު ތަކުރާރުކުރެއްވިއެވެ.

ދިވެހިރާއްޖެއަށް ދިގު މުއްދަތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ހާއްސަކޮށް މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި މައްސަލައިގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގެ އެއް ރަށެއްގެ ވަޒަންވެރިއަކު އަނެއް ރަށެއްގެ ވަޒަންވެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ މެދު ނުކެނޑި އެރަށެއްގައި 5 އަހަރު ދުވަސް ވޭތުކުރުމާއެކު އެމީހެއްގެ އަމިއްލަ ވަޒަނެއް އެރަށެއްގައި އޮވެގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: