މި އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ރާއްޖޭގައި ހިންގާފައިނުވާ ފަދަ ފަތުރުވެރިކަމުގެ މަޝްރޫއެއް އިއުލާނުކުރައްވައިފައެވެ. އެމަނިކުފާނު ވައުދުވެވަޑައިގަތީ މުޅިން އަލަށް 10 ރިސޯޓެއް ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ މަންފާ ރައްޔިތުންގެ ޖީބަށް ވަންނާނެ ގޮތަށް ހާއްސަ މަޝްރޫއެއް ފައްޓަވާނެ ކަމަށެވެ.
ނަމަވެސް، އެ މަޝްރޫއާ ގުޅޭ އަދާހަމައެއް ލިބިފައިނުވާއިރު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއުގެ މަސައްކަތް އޮތް ހިސާބާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒުއާ ސުވާލެއް އަމާޒުވިއެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއަަށް ފިނޭންސް މިނިސްޓްރީ ހިމެނޭހެން ބައެއް މިނިސްޓްރީތައް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ކޮމިޓީން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން، މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުއަށް ހާއްސަކުރާނެ ރަށްތަކާއި ފަޅުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމުމަކާ ހަމައަށް ދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެއަށް ފަހު ކުރިއަށްދާނީ އެ ތަންތަނުގައި ރިސޯޓު ތަރައްގީކުރުމަށް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ކަމަށެވެ.
”ފިނޭންސް މިނިސްޓްރީއާއި ބައެއް މިނިސްޓްރީތައް އެކުލެވޭ ގޮތަށް އަޅުގަނޑުމެން އުފައްދާފައިވާ ކޮމިޓީން މަސައްކަތްތައް ކުރިއަށް އެބަ ގެންދޭ. ރަށްތައް އައިޑެންޓިފައިކުރުމުގެ މަަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އެދަނީ. ރަށްތަކާއި ފަޅުތައް އައިޑެންޓިފައި މިކުރަނީ މިކަމަށް އެންމެ ފީސިބަލްކޮށް ހުރި ތަންތަން، އެ ތަންތަން ހަދައި ނިންމައި، އައިޑެންޓިފައިކޮށް ނިންމައި އެ ތަންތަނުގެ ފީޒިބިލިޓީގެ މަސައްކަތްތައް ދެން ގެންދާނީ،“
އެ މަސައްކަަތްތައް މިހާރު ދަނީ ނިމުމަކާ ގާތަށް ކަމަށާއި، މަސައްކަތް ނިމުމުން އެކަމާ ގުޅޭ ސަރުކާރުގެ ކުންފުންޏެއް ކަނޑައަޅައި ދެން ހުރި މަރުހަލާތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މަޝްރޫއާ ގުޅޭ މަސައްކަތް ކުރިއަށް ދަނީ ތާވަލުކުރެވިފައިވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި ފަޅުތަކާއި ރަށްތައް ފަދަ ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް އެންމެ ބޮޑަށް ބޭނުން ކުރަމުންދާ އަދި އިއާދަނުކުރެވޭ ބޮޑު ބަދަލުތަކެއް އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތް ކަމެވެ. އެހެންނަމަވެސް، އެ ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނިޒާމީ ގޮތެއްގައި މިވީހާ ތަނަށް ހަމަނުޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މީގެ 54 އަހަރު ކުރިން، 1972 ވަނަ އަހަރުގައި ފެށި ނަމަވެސް މި ސިނާއަތަށް ބައިގަރުނަށް ވުރެ ގިނަ ދުވަސްވީއިރު ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ފައިސާއެއް ވެސް ލިބޭނެ މަގެއް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައިނުވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރުން ފައްޓަވާ މަޝްރޫއިން އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާއިން ބޮޑު ބައެއް ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަދި ކޮންމެ އާއިލާއަކަށް ޑޮލަރުން ޖަމާކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިކަމާ މެދުގައި ކެބިނެޓުގައި މަޝްވަރާކޮށް ސަރުކާރުން މިހާރު ނިންމާފައި ވަނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާ އިން ޖަމާކޮށްދޭން،“ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، އަންދާޒާ ކުރެވެނީ އެ އިންވެސްޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް އޭރު ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެން ދާނެއެވެ. އަދި ފަސް މެމްބަރުންގެ އާއިލާއެއް ނަމަ، އާއިލާގެ ކޮންމެ މެމްބަރެއް މަދުވެގެން 10 ރިސޯޓުގެ ޝެއާހޯލްޑަރަކަށްވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 ޑޮލަރު ލިބިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

