ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ސިނގިރޭޓް ޑިއުޓީއަށް ހުށަހެޅި އިސްލާހު ކޮމިޓީން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު އަނެއްކާވެސް ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހޯމަ ދުވަހެވެ. މަޖިލީހުގައި ވަނީ އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީއެއް ބާއްވާފައެވެ.

މިއަދު އެ ބިލަށް ގިނަ މެމްބަރުން ތައީދުކުރައްވާފައިވާއިރު އޭގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންވެސް ހިމެނެއެވެ. އެހެންނަމަވެސް ބިލު ފާސްކުރުމުގެ ކުރިން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވީ ކަމާބެހޭ މުވައްސަސާތަކާއި، އިދާރާތަކައި ބައްދަލުކޮށް ސުވާލު ކުރުމަށެވެ. އަދި ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރުތަކަކީ ކޮބައިކަން ދެނެގަތުމަށްވެސް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވަނީ، ބިޑިން ނަގާ ޑިއުޓީ 40 އިންސައްތައަށް ބޮޑުކޮށް ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 20 އިންސައްތައަށް ކުޑަކުރަން ހުށަހަޅުއްވައިފައެވެ. އަދި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު ވަނީ އެ ފަދަ ބާވަތްތަކުން ގްރާމުން ޑިއުޓީ ނަގާ ގޮތަށް ބަދަލުކުރުމަށް ހުށަހަޅުއްވައިފައެވެ.

އެހެން ނަމަވެސް، ލިޔުމުން އެ އިސްލާހުތައް އިދާރީ މޭޒަށް ހުށަހަޅައިފައިނުވާތީ ރިޔާސަތުން ނިންމީ ބިލު އޮތް ގޮތަށް ފާސްކުރަން ވޯޓަށް އެހުމަށެވެ. އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގަމުންދާ އިމްޕޯޓް ޑިއުޓީގެ މިންވަރު ހަތަރު ރުފިޔާއަށް ބަދަލުކުރުމަށް ޓަކައި، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ޖޫން 22 ގައެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

ސަރުކާރުން މި ބަދަލު ގެންނަން ނިންމާފައި މިވަނީ، 2024 ވަނަ އަހަރުގެ ފަހުކޮޅު ސިނގިރޭޓު ޑިއުޓީއަށް ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން، ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވަނިކޮށެވެ. ނަމަވެސް ބަދަލު ގެނައުމަށް ނިންމީ، ސަރުކާރުން ބުނި ގޮތުގައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންނެވެ.

އިސްލާހުގައިވާ ގޮތުން ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ބަދަލުވެގެންދާނެއެވެ. އަދި މީގެ އިތުރުން މި ހުރިހާ ބާވަތަކުންވެސް 30 އިންސައްތައިގެ އެޑްވޮލެރަމް ޑިއުޓީއެއް ނަގަން ވަނީ ހިމަނާފައެވެ.

މި ބިލުގެ އަނެއް މުހިންމު ބޭނުމެއްކަމަށް ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ނުނެގުމަށް މި އިސްލާހުގައި ހިމަނާފައިވެއެވެ.

މިއީ އާންމުން ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކުރުވުމަށާއި، ސިއްހީ ގޮތުން ފައިދާ ހުރި ތަކެތި ހެޔޮ އަގުގައި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެންނަ ބަދަލެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: