ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޖެނެރޭޝަނަލް ބޭން“ އަކީ ހަމައެކަނި ނަމެއް، އެއްވެސް ވަރަކަށް އަމަލު ނުކުރެވޭ: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނގިރޭޓުން ނަގާ ޑިއުޓީން ދައުލަތަށް ލިބެންވާ އާމްދަނީ ނުލިބި ދިޔައީ ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުން އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކަމަށާއި، އެކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާޅައި ހަމައެކަނި ޑިއުޓީ ކުޑަކޮށްގެން ނަތީޖާއެއް ނުފެންނާނެކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް ތަންފީޒު ކުރަން ފެށިތާ އަހަރެއް ނުވަނީސް، އަގު ދެގުނަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އިސްލާހުގައި ވަނީ، ސިނގިރޭޓާއި ބިޑީގެ އިތުރުން ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ބަދަލުކޮށް އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށެވެ. އަދި ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ސިއްހީ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން ވެސް މި އިސްލާހުގައި ހިމެނެއެވެ.

އިސްލާހާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ މުޅި މަޖިލިސް ކޮމިޓީ ބައްދަލުވުމުގައި ޒިޔާދު ވިދާޅުވީ، ސިނގިރޭޓުގެ ޑިއުޓީއަށް މިހާރު ހުށަހަޅާފައިވާ އިސްލާހަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުމުން ބޭނުންވި މަގްސަދު ހާސިލުނުވީ، އިގްތިސާދީ ގޮތުންނާއި ތަންފީޒީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކެއްގެ ސަބަބުންކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އަމަލީ ގޮތުން ސަރުކާރު ބޭނުންވީ ގޮތަށް ކަން ނުވެ، ޑިއުޓީ ބޮޑުވުމާއެކު ގާނޫނީ އިމުގެ ތެރެއިން އެތެރެކުރާ ސިނގިރޭޓުގެ އަދަދު މަދުވެ، އެއްވެސް ޑިއުޓީއެއް ނުދައްކާ ވަގަށް އެތެރެކުރާ ސިނގިރޭޓުން މުޅި ބާޒާރު ފުރިގެން ދިޔަކަމަށް ޒިޔާދު ވިދާޅުވި އެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، މި ބޮޑުކުރީ ދައުލަތަށް ގިނަ އާމްދަނީ ހޯދަން. އެހެންނަމަވެސް އެކަން ކާމިޔާބެއް ނުވި. ކާމިޔާބު ނުވީމާ ބަދަލުކުރުމަކީ އޮންނަ ކަމެއް

ޒިޔާދު އިތުރަށް ވިދާޅުވީ ޑިއުޓީ ބޮޑުކުރުމުން މީހުން ސިނގިރޭޓު ބުއިން ހުއްޓާލައި ސިއްހީ ހާލަތު ރަނގަޅުވީކަމަށް ބެލެވެން ނެތްކަމަށާއި، އަސްލު މައްސަލައަކީ ވަގު ވިޔަފާރި ކަމަށެވެ.
މި ބަދަލާއެކު ވެސް، ވަގަށް އެތެރެކުރާ ސިނގިރޭޓުތަކުގެ މައްސަލަ ހައްލު ކުރެވިދާނެތޯ ޒިޔާދު ސުވާލު އުފެއްދެވިއެވެ. ޒިޔާދު ވިދާޅުވީ ވަގަށް އެތެރެކުރާ ސިނގިރޭޓަކީ އެއްވެސް ޑިއުޓީއެއް ނެތް އެއްޗަކަށް ވާތީ، ގާނޫނީ އިމުގެ ތެރެއިން ގެންނަ މިފަދަ ކުދި ބަދަލުތަކުން އެކަނި ކަޅު ބާޒާރު ހުއްޓުވުމަކީ ނާދިރުކަމެއް ކަމަށެވެ.

ގާނޫނުތައް ތަންފީޒު ނުވާ މައްސަލައިގައި މުވައްސަސާތަކަށް ފާޑުކިއުން އަމާޒު ކުރައްވައި ޒިޔާދު ވިދާޅުވީ ”ޖެނެރޭޝަން ބޭން“ ސިޔާސަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާއަށް އެވޯޑުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އަމަލީ ގޮތުން އެއީ ހަމައެކަނި ނަމެއްގައި އޮތް ގާނޫނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އެ ގާނޫނުގެ ކިތައް ޕަސެންޓެއްތޯ އަމަލުކުރީ؟ އެއީ ހަމަ ނަމެއްގައި އޮންނަ ގާނޫނެއް

އިސްލާހުގެ ބަހުސްގައި ޒިޔާދު ގޮވާލާފައި ވަނީ ހަމައެކަނި ޑިއުޓީ ކުޑަކޮށްލުމުގެ ބަދަލުގައި، ވަގަށް ސިނގިރޭޓު އެތެރެކުރާ މަގުތައް ބަންދުކޮށް، ވަށާޖެހޭ ހައްލެއް ހޯދުމަށެވެ. ވަގަށް އެތެރެކުރާ މިންވަރު ނުހުއްޓުވައި، ދައުލަތަށް ލިބެންވާ އާމްދަނީ ކަށަވަރު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ސިނގިރޭޓު ޑިއުޓީގެ އަގު ބޮޑުކޮށް، ވޭޕް މަނާކުރުމަށް އެޅިފިޔަވަޅާއި އެކު އެތަކެތި ރާއްޖެއަށް ވަގަށް އެތެރެ ކުރުން ވަރަށް ބޮޑަށް އިތުރުވި އެވެ. އަދި ރާއްޖޭގައި ކަޅުބާޒާރެއް އުފެދި، ކުޑަ އަގެއްގައި ފޭކު ސިނގިރޭޓު ވަނީ ބާޒާރުގައި އާންމުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: