ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު ބިލުތަކާ މެދު ގޮތް ނިންމުމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ އިސް ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ދިންކަމަށް ބުނާ ފަންނީ ލަފާގެ ތަފްސީލު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް ތަންފީޒު ކުރަން ފެށިތާ އަހަރެއް ނުވަނީސް، އަގު ދެގުނަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރު ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އިސްލާހުގައި ވަނީ، ސިނގިރޭޓާއި ބިޑީގެ އިތުރުން ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ބަދަލުކޮށް އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށެވެ. އަދި ނިކޮޓިން ޗުއިންގަމާއި ޕެޗް ފަދަ ސިއްހީ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން ވެސް މި އިސްލާހުގައި ހިމެނެއެވެ.
އިސްލާހާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ މުޅި މަޖިލިސް ކޮމިޓީ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ، ރައްޔިތުންގެ ސިއްހަތާއި ގައުމުގެ އިގްތިސާދާ ސީދާ ގުޅުންހުރި މިފަދަ ބޮޑެތި ބިލުތަކަކީ ރޭވުންތެރިކަމާއެކު ނިންމަންޖެހޭ ކަންކަން ކަމަށެވެ. ވަކިން ހާއްސަކޮށް، މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ގިނަ ސްޓޭކް ހޯލްޑަރުންނާއި ކަމާބެހޭ ފަންނީ މާހިރުންގެ މަޝްވަރާ ހޯދުމަކީ، ނިންމޭ ނިންމުމުގެ ސަބަބުން ގައުމު ބޮޑު ލަދެއްގައި ނުބެދި ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގުކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ތިން މިނިސްޓަރުން ވެސް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެއީ ހެލްތް މިނިސްޓަރާއި، އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރެވެ. މި ތިން ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ބޭނުންވަނީ، މި ބިލު ފާސްވުމުން ދައުލަތުގެ ބަޖެޓަށް އަންނާނެ މާލީ ބުރައާއި، ވިޔަފާރިތަކަށް ކުރާނެ އަސަރުތަކުގެ އިތުރުން، ދިވެހި ރައްޔިތުންގެ އާންމު ސިއްހަތަށް ކުރިއަށް އޮތް ތަނުގައި އަތުވެދާނެ ބަދަލުތައް ސާފުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިފަދަ ކަންކަން ނިންމުމުގައި، ތަންކޮޅެއް ބަލާލައިގެން، ތަންކޮޅެއް ރޭވުންތެރިކަމާއެކު ގިނަ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާއާއެކު މިކަންކަން ނިންމުމުގެ މުހިންމުކަން.. މިފަދަ ބޮޑު ލަދެއްގައި އަޅުގަނޑުމެން ބެލި ތިބޭ ހިނދު، އަނެއްކާވެސް މިފަދަ ބޮޑު ނިންމުމެއް އަޅުގަނޑުމެން ނިންމާހާ ހިނދު، އަޅުގަނޑު ހިތުން މުޅި މަޖިލީހުގެ ކޮމިޓީއަށް، ހެލްތް މިނިސްޓަރާއި، އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރާއި، އަދި ފިނޭންސް މިނިސްޓަރު ހާޒިރުކޮށް، މި ބިލުގެ ސަބަބުން އަޅުގަނޑުމެންގެ ބަޖެޓަށް އަންނަ އިމްޕްލިކޭޝަން.
މީގެ އިތުރުން ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ޑަބްލިއުއެޗްއޯ ދިންކަމަށް ސަރުކާރުން ބުނާ ލަފާގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރަންޖެހޭކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ މުހިންމު ކަންކަމުގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ރައްޔިތުންގެ ކުރިމަތީގައި ހުޅުވާލުމަކީ ދެފުށް ފެންނަ ގޮތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ލިބޭ ޖާގައެކެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން، ބިލަކުން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކަށް ބެލުމެއް ނެތް ގޮތެއްގައި އަތްމައްޗަށް ނެގުމުގެ ބަދަލުގައި، ހުރިހާ ދާއިރާއަކުން ދިރާސާކޮށް މައުލޫމާތު ހޯދުމަށް ވިދާޅުވި އެވެ.
ބަހުސް ކުރިޔަށް ދިޔަވަގުތު ޕީއެންސީގެ މެމްބަރުން ދިޔައީ ސަރުކާރުގެ ނިންމުން ދިފާއު ދިފާއުކުރަމުންނެވެ.

