އެމްޑީޕީން އިސްލާހީ ބޮޑެތި ބަދަލުތައް ހިމެނޭ ގޮތަށް ހުށަހަޅާ ”ބޮޑު ބަދަލު“ އަކީ ރަސްކަމެއް އިއާދަކުރުން ނޫން ކަމަށާއި، މިއީ ސަރުކާރު ހިންގުމުގައި ޖަވާބުދާރީކުރުވުމާއި ފާރަވެރިވުމުގެ ނިޒާމެއް ގާއިމުކުރުންކަމަށް ބޮޑު ބަދަލު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ ”ބޮޑު ބަދަލު“ ގައި، ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނޫން ކަމަށާއި، އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ، އާންމުކޮށް ބަރުލަމާނީ ނިޒާމުތަކުގައި ބޮޑުވަޒީރު ހޮވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށްވީ ނަމަވެސް، އެމްޑީޕީން ހުށަހަޅާ މި މޮޑެލްގައި އެންމެ ބޮޑު ތަފާތަކީ ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބު ކުރާ މީހަކަށް ވުން ކަމަށެވެ.
ބަރުލަމާނީ ނިޒާމެއްގެ އެންމެ ވަރުގަދަ ސިފައަކީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީން ބޮޑުވަޒީރަކު ހޮވުން. އެކަމަކު އަޅުގަނޑުމެން މި ހުށަހަޅާ ގޮތަކީ މިހާރެކޭވެސް އެއްގޮތަށް ރައްޔިތުން ވޯޓުލައިގެން ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވުން. އޭނާއަށް ކިޔާނެ ނަމެއް އަދި ނުނިންމަން. އެއީ ބޮޑުވަޒީރުތޯ، ޗާންސެލަރުތޯ ނުވަތަ ވަޒީރުލް އައުޒަމްތޯ އެއީ ފަހުން ނިންމިދާނެ ކަމެއް
މި އިސްލާހުގެ ދަށުން ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ހެޑް އޮފް ސްޓޭޓް ހޮވާނެ ގޮތުގެ ތަފްސީލު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެ ބޭފުޅަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތައް ހިމެނޭ ”ބޮޑު މަޖިލީހަކުން“ ކަމަށެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ މައިގަނޑު މަސްއޫލިއްޔަތަކީ ގާނޫނުއަސާސީ ހިމާޔަތްކުރުމާއި، ސަރުކާރުން ކުރާ ނުރަނގަޅު ކަންކަން ހުއްޓުވުމަށް ބަސްބުނުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ބާރާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ބާރު އެކަކަށް ލިބުމުން، ނުރަނގަޅު ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.
ރައީސް މުއިއްޒު ކަންކަން ކުރައްވާ ގޮތް އެބަފެނޭ. އެހާ ބޮޑު ބާރެއް އެކަކަށް ލިބުނީމާ ކޮންމެ މީހަކަށްވެސް ނުރަނގަޅު ކަންކަން ކުރުމުގެ ފުރުސަތު އެބައޮތް. އެހެންވެ ދައުލަތުގެ އިސްވެރިއެއްގެ ގޮތުގައި ބަހެއް ބުނެވޭނެ، ގައުމުގެ މަސްލަހަތު ހިފަހައްޓާނެ މީހަކު ހުރުން މުހިންމީ
ހަސަން ލަތީފް އިތުރަށް ވިދާޅުވީ މިއީ ރަސްކަމެއް އިއާދަކުރުން ނޫން ކަމަށާއި، މިއީ ސަރުކާރު ހިންގުމުގައި ޖަވާބުދާރީކުރުވުމާއި ފާރަވެރިވުމުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. މި ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ދައުލަތް ހަމަމަގަށް އެޅި، ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ހަނިވެގެންދާނެކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ ދައުލަތުގެ މިނިވަން މުއައްސަސާތައް ހަގީގީ މާނައިގައި މިނިވަންވާން ޖެހޭ ކަމަށެވެ. އެގޮތުން ވިދާޅުވީ، ސިވިލް ސަރވިސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލް ފަދަ މުއައްސަސާތަކަކީ ރައްޔިތުންނަށް ސިފަވާ ވަރުގެ ބާރެއްގެ ގޮތުގައި އޮންނަންޖެހޭ ތަންތަންކަމަށް ވިދާޅުވި އެވެ.
މި މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، މިހާރު ރައްޔިތުންގެ މަޖިލީހަށް އޮންނަ މެންބަރުން ވަކިކުރުމުގެ ބާރުގެ ބަދަލުގައި، ވަކި ”އޯވަސައިޓް ކޮމިޝަނެއް“ މެދުވެރިކޮށް އެކަން ކުރެވޭނެ ނިޒާމެއް ބޮޑު ބަދަލުގެ ކަރުދާހުގައި ހިމަނާފައިވާއިރު ހަސަން ލަތީފް ވިދާޅުވީ މި ބަދަލުގެ ބޭނުމަކީ ސިޔާސީ ނުފޫޒުން އެ މުއައްސަސާތައް ސަލާމަތްކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އޮތީމާ ވާގޮތް އަޅުގަނޑުމެންނަށް އެބަފެނޭ. ސިޔާސީ ބޭނުމަކަށް މިނިވަން މުއައްސަސާއެއްގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ވަކިކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ
ހަސަން ލަތީފް ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ނިންމުމަކުން ފަނޑިޔާރަކު ވަކިކުރުމުގެ ބަދަލުގައި، އެކަމުގައި ރައްޔިތުންގެ ބަސް ހޯދުމަށް ރެފަރަންޑަމްއަކަށް ދާންޖެހެ އެވެ. މިސާލެއްގެ ގޮތުން ހަސަން ލަތީފް ފާހަގަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ކަންކަން ނުކޮށްގެން ފަނޑިޔާރުން ވަކިކުރަން އުޅޭ ހާލަތްތަކުގައި، ރައްޔިތުންގެ ގާތުގައި އެހުމުން އެކަމަށް ނޫނެކޭ ބުނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިފަދަ ނިޒާމެއްގެ ސަބަބުން ޖުޑިޝަރީގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ފޯރުވާ ނުފޫޒު ކުޑަވެގެންދާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގައި ރައީސް މުއިއްޒަށް އިހުލާސްތެރި ބޭފުޅެއް ނެތްކަމަށާއި، ޕާޓީގައި ތެރޭގައިވެސް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ޕީއެންސީގެ ޓިކެޓް ލިބިވަޑައިގަންނަވާނެކަމަށް ގަބޫލުނުކުރާކަމަށް ވިދާޅުވިއެވެ.

