ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ ދަރިވަރުން ބާރުވެރިކުރުވާ ޖަމުއްޔާތަކުން ދަރިވަރުންގެ ހައްގުތަކުގެ މަތިން ހަނދާން ނެތުނީތަ؟

ފޮޓޯ: ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންގެ ޖަމުޢިއްޔާތަކަކީ ޚާއްޞަ މަޤްޞަދުތަކެއް ހާސިލުކުރުމަށް ޓަކައި އުފައްދާފައިވާ ބާރުވެރި މުއައްސަސާތަކެކެވެ. މިފަދަ ޖަމުޢިއްޔާތަކުގެ އަސާސީ މަސްއޫލިއްޔަތަކީ ދަރިވަރުން ތަމްސީލުކުރުމާއި، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ވަކާލާތުކުރުމާއި، ޙައްޤުތައް ހިމާޔަތްކުރުމެވެ. ހަމައެހެންމެ، ދަރިވަރުންނާއި ތަޢުލީމީ މުއައްސަސާތަކާ ދެމެދު އޮންނަ ވަރުގަދަ ފާލަމަކަށް ވުމެވެ. ނަމަވެސް، މިއަދު ރާއްޖޭގެ ގިނަ ދަރިވަރުންގެ ހިތުގައި އުފެދޭ ބޮޑު ސުވާލަކީ، މި ޖަމުޢިއްޔާތަކުގެ އަސްލު މަޤްޞަދު އޮޅި، ތަމްސީލުކުރަންޖެހޭ ދަރިވަރުންގެ މަތިން މިހާރު ހަނދާން ނެތެނީތޯއެވެ.

ތަޢުލީމީ އަހަރުގެ ތެރޭގައި މިފަދަ ޖަމުޢިއްޔާތައް ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ. ސޯޝަލް މީޑިއާގެ މަންސަތަކާއި، ކެމްޕަސްތަކުގެ ފާރުތައް ފުރިފައިވަނީ ފުޓްސަލް މުބާރާތްތަކާއި، ވޮލީބޯޅަ މުބާރާތްތަކާއި، ޓެލެންޓް ޝޯތަކާއި، ތަފާތު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކުގެ އިޝްތިހާރުތަކުންނެވެ. މި ހަރަކާތްތަކަކީ ކެމްޕަސް ދިރިއުޅުމަށް ދިރުން ގެނުވައި، ކުދިންގެ މެދުގައި އެކުވެރިކަން އާލާކޮށް، ސްޓްރެސްއިން ދުރުކޮށްދޭ މުހިންމު ކަންކަން ކަމުގައި ވިޔަސް، މިއަދު ގިނަ ޖަމުޢިއްޔާތަކެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ހަމައެކަނި މުބާރާތްތައް ބޭއްވުންހެން ސިފަވެއެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމަކީ ގޯހެއް ނޫނެވެ. ޔުނިވަރސިޓީ ދިރިއުޅުމަކީ ހަމައެކަނި ފޮތާއި ގަލަމުގެ ތެރޭގައި ހޭދަކުރަންޖެހޭ ވަގުތެއް ނޫނެވެ. ނަމަވެސް، މައްސަލަ އުފެދެނީ ދަރިވަރުންގެ ޙައްޤުތަކަށް ވަކާލާތުކުރަން އުފެއްދި ޔޫނިއަނެއްގެ މައިގަނޑު ސިފައަކީ ”މުބާރާތް ބާއްވާ ކްލަބެއްގެ“ ސިފަ ކަމުގައި ވާން ފެށުމުންނެވެ. ދަރިވަރުންގެ އަސްލު މައްސަލަތަކަށްވުރެ ބޮޑަށް މުބާރާތުގެ ތަށިތަކާއި އިނާމުތަކަށް އިސްކަންދެވޭނަމަ، އެ ޖަމުޢިއްޔާގެ އަސްލު މަޤްޞަދު އޮތީ ގެއްލިފައެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމަކީ މިއަދު ދަރިވަރުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ކާބޯތަކެއްޗާއި ދަތުރުފަތުރަށް ހިނގާ ޚަރަދުތައް އިތުރުވުމަކީ އާއިލާތަކަށް އުފުލަންޖެހޭ މާލީ ބޮޑު ބުރައެކެވެ. މިއަދު ކިޔެވުމަކީ ހަމައެކަނި ފޮތްތަކާ ކުރާ ހަނގުރާމައެއް ނޫނެވެ. އެއީ އިޤްތިޞާދީ ގޮތުން ކުރަންޖެހޭ ބޮޑު ތަޅާފޮޅުމެކެވެ.

މި އިޤްތިޞާދީ ފިއްތުންތަކުގެ ސަބަބުން ދަރިވަރުން ކްލާސްތަކަށް ހާޒިރުވުމަށާއި، ކިޔެވުމުގެ ފެންވަރަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތައް ކުރެއެވެ. މިއީ ކޮންމެ ދުވަހަކު ގިނަ ދަރިވަރުން ތަޙައްމަލުކުރަންޖެހޭ ހިތްދަތި ޙަޤީޤަތެވެ. ދަރިވަރުންގެ ޖަމުޢިއްޔާތަކުގެ ދައުރު އެންމެ ބޮޑަށް ބޭނުންވަނީ މިފަދަ ދަނޑިވަޅުތަކުގައެވެ. ނަމަވެސް، މި މައްސަލަތަކުގައި ދަރިވަރުންގެ ޖަމުޢިއްޔާތަކުން ސާބިތުކަމާއެކު ވަކާލާތުކުރާތަނެއް ނުފެނެއެވެ. ދިރިއުޅުމުގެ ޚަރަދާއި، ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ކަންބޮޑުވުންތައް ބާކީކޮށްލާފައި، ޖަމުޢިއްޔާތަކުގެ ހުރިހާ ހަކަތައެއް ހުސްކުރަނީ މުބާރާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްހެން ގިނަ ފަހަރު ސިފަކުރެވެއެވެ.

ނަތީޖާއެއްގެ ގޮތުން، ދަރިވަރުންގެ ދިރިއުޅުމަށް އެންމެ ބޮޑަށް އަސަރުކުރާ މުހިންމު މައްސަލަތަކަކީ، ދަރިވަރުންގެ ލީޑަރުންގެ އެޖެންޑާގައި އެންމެ ދަށް ސަމާލުކަމެއް ދެވޭ ކަންކަމަށް ވެފަވާހެން އިހުސާސްކުރެވެއެވެ.

ބޭރު ގައުމުތަކުގެ ދަރިވަރުންގެ ޖަމުޢިއްޔާތަކަށް ބަލާއިރު، އެ ޖަމުޢިއްޔާތަކުގެ ދައުރު މާ ފުޅަލެވެ. އޮސްޓްރޭލިއާ، އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ޔޫނިއަންތަކުން ދަރިވަރުންނަށް ޤާނޫނީ ލަފާދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި އެހީތެރިވެދެއެވެ. މި ޖަމުޢިއްޔާތަކުންވެސް ކުޅިވަރު މުބާރާތްތައް ބާއްވައެވެ. ނަމަވެސް އެއީ އިތުރު ހަރަކާތްތަކެއްގެ ގޮތުގައެވެ. އެ ޖަމުޢިއްޔާތަކުގެ އަސްލު މަސައްކަތަކީ ދަރިވަރުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރުމެވެ.

މީގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ދަރިވަރުންގެ ޖަމުޢިއްޔާތަކުގެ ފެންވަރު ވަޒަންކުރެވެނީ، ދަތި ހާލަތްތަކުގައި ތިބި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ މިންވަރާއި، ތަޢުލީމީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވައިގެން ދަރިވަރުންނަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކޮށެވެ. ގިނަ ފަހަރަށް އެފަދަ ޖަމުޢިއްޔާތަކުގެ ނަތީޖާ މިނަނީ، އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތައް ބޭނުންކުރާ ދަރިވަރުންގެ އަދަދަށާއި، ދަރިވަރުންނަށްޓަކައި ހިންގާ މާލީ އެހީގެ ޕްރޮގްރާމްތަކަށާއި، އަދި ތަޢުލީމީ މުއައްސަސާތަކުގެ ނިންމުންތައް ދަރިވަރުންނަށް ފައިދާހުރި ގޮތަކަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށެވެ. އެއީ ހަމައެކަނި ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދަށް ބަލައިގެން ކުރާ ކަމެއް ނޫނެވެ.

ޖަމުޢިއްޔާއެއްގެ ކާމިޔާބީ މިންކުރެވެނީ ބޭއްވި މުބާރާތްތަކުގެ އަދަދަކުން ނޫނެވެ. ނުވަތަ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކުގެ ގިނަކަމަކުންނެއްވެސް ނޫނެވެ. އޭގެ ބަދަލުގައި، އެ ޖަމުޢިއްޔާއަކުން ދަރިވަރުންގެ ކިތައް މައްސަލަ ޙައްލުކޮށްދިންތޯ ބަލަންޖެހެއެވެ. ދަރިވަރުންގެ ދަތިތަކާ ގުޅޭގޮތުން ސަރވޭތައް ހަދައި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، އެދަރިވަރުންގެ އަޑު އިއްވުމަކީ ޖަމުޢިއްޔާތަކުގެ އެންމެ އިސް ވާޖިބެވެ.

މުނިފޫހިފިލުވުމާއި ކުޅިވަރަކީ ބޭނުންތެރި ކަންކަމެވެ. އެކަމަކު އެއީ ދަރިވަރުން ތަމްސީލުކުރުމުގެ ބަދަލުގައި ކުރާ ކަމަކަށް ވެގެން ނުވާނެއެވެ. ކޮންމެ މުބާރާތެއްގެ ހަނދާން ހުރެ، ދަރިވަރުން އުފުލާ ތަކުލީފުތަކުގެ މަތިން ހަނދާން ނެތޭ ޖަމުޢިއްޔާއަކީ އޭގެ މަޤްޞަދުގައި ނާކާމިޔާބުވެފައިވާ ތަންތަނެވެ. ދަރިވަރުންގެ ޖަމުޢިއްޔާތަކުން އަސްލު މަސްއޫލިއްޔަތާ ދިމާލަށް އެނބުރި، ދަރިވަރުންގެ ޙަޤީޤީ ބާރަކަށް ވާންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: