ރާއްޖޭގެ ދިރިއުޅުމުގެ އަސާސީ ހާލަތު ރަނގަޅު ނުކޮށް، ބޮޑެތި ހަރަދުތައް ހިމެނޭ ޑިޖިޓަލް މަޝްރޫއުތައް ހިންގުމަކީ ރައްޔިތުންނަށް ލިބޭ ފައިދާއެއް ނޫންކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަށް އިދިކޮޅު އެމްޑީޕީ ދަނީ ފާޑުކިއުންތައް އަމާޒު ކުރަމުންވެ.
ބިލުގެ ބަހުސްގައި ޒިޔާދު ވިދާޅުވީ، ޑިޖިޓަލް ހިދުމަތްތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހަޅާފައިވާ ބިލަކީ ޒަމާނާ އެއްގޮތަށް ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެއްވި ނަމަވެސް، މިކަމުގެ ފަހަތުގައި އޮތީ ”ބޮޑު ވިޔަފާރިއެއް“ ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ ސޮފްޓްވެއާތައް ގަތުމަށް މިލިއަނުން ޑޮލަރު ހޭދަކުރާއިރު، އެ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ އެއްވެސް ނިޒާމެއް މަޖިލީހުގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ޕީއެންސީގެ މެމްބަރުން މިއަދު ކަންބޮޑުވާންވީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުދިފައި ނެތް މައްސަލައިގައެވެ. އަދި ވިދާޅުވީ، ޑިޖިޓަލް ހިދުމަތް ދިނުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު ރަށްތަކުގައި އަދިވެސް ބޭނުން ކުރަންޖެހިފައި ވަނީ އެއްވެސް ސާފުތާހިރުކަމެއް ނެތް ފެންކަމަށެވެ.
އަޅުގަނޑުމެން ޑިޖިޓަލްކޮށް ފޯމު ފުރަން އިންނައިރު ގޭގައި މި ހުންނަނީ ނުތާހިރު ފެން. އެ ފެނުން ފެންވަރާލައިގެން އައިސް މި ޖެހެނީ ފޯމު ފުރަން. މިކަންކަން ވެސް މިއާ އެއްވަރަށް ކުރިއަށްދާން އެބަޖެހޭ
ޒިޔާދު އިތުރަށް ވިދާޅުވީ 19 ވަނަ މަޖިލީހުން 2025 އަށް ފެނާއި ނަރުދަމާ ނިންމަން ކަނޑައެޅި ތާރީހު، މި ސަރުކާރުން ވަނީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް 2027 އަށް ފަސްކޮށްފައި ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް އެއް ޕޯޓަލަކުން ފެންނަން އޮތުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޒިޔާދު ވިދާޅުވި ގޮތުގައި،އެތައް ރައްޔިތެއްގެގެ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ފޮޓޯތައް ބޭނުންކޮށްގެން، އެ މީހުންނަށް ނޭނގި ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ވައްދާފައެވެ.
ޒިޔާދު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ކުރާ ބޮޑެތި ހޭދަތަކަކީ ހަމައެކަނި ވަކި ބައެއްގެ ވިޔަފާރިއަކަށް ވެގެން ނުވާނެ ކަމަށާއި، ގައުމު ކުރިއަރައިދާންވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވެސް އެއާ އެއްވަރަށް މަތިވަމުން ކަމަށެވެ.

