ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯގޭޖުގެ ވާހަކަ ދައްކަނީ ސިޔާސީ ނިޔަތެއްގައި، ރައީސްގެ ބޭނުމަކީ ހަގީގަތް އޮޅުވުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުގެ އިމާރާތްތަކާއި ސްކޫލްތައް ރަހުނު ނުވަތަ މޯގޭޖުކޮށްފައިވާކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ދައްކަވަނީ ސިޔާސީ ބޭނުމެއްގައި ހަގީގަތް އޮޅުވާލުމަށް ދައްކަވާ ވާހަކަތަކެއްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަރަށް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ސުކޫކު ވިއްކުމާ ގުޅޭގޮތުން މި ސަރުކާރުން ދައްކާ ވާހަކަތަކަކީ ހުރިހާ ގޮތަކުން ބަލާއިރު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. މިކަމުގެ ހަގީގަތް މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގަށާއި، އޭގެ ފަހުން މަގާމު ފުރުއްވި މޫސާ ޒަމީރަށް އެނގިވަޑައިގަންނަވާނެކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ފިނޭންސްގެ އިސްވެރިންނާއި، ކުރީގެ މިނިސްޓަރުން އަދި އަލަށް އައްޔަނު ކުރެއްވި މިނިސްޓަރަށް ވެސް އެއީ މޯގޭޖްކޮށްފައިވާ ބިންތަކެއްކަމަށް ވިދާޅުވާން ނުކުރެނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓާފުންނާއި، މިހާރުގެ މިނިސްޓަރާއި، އޭގެ ކުރިން ތިއްބެވި ޒަމީރު ނުވަތަ ޝަފީގު ކައިރިންވެސް އަހާލަބަލަ. އެ ބޭފުޅުންނަށް ނުކެރޭނެ އެއީ މޯގޭޖެއް ކަމަށް ބުނާކަށް. އެއީ އިސްލާމިކް ފައިނޭންސްގެ ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމަށްޓަކައި ހިންގާ އެސެޓް ބޭސްޑް ޓްރާންސެކްޝަނެއް. މިއީ މުޅި ދުނިޔޭގައިވެސް އަމަލުކުރާ އުސޫލު

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލާއި ސްކޫލްތައް ބޭނުންކޮށްގެން ސުކޫކު ވިއްކުމަކީ އެ ތަންތަން ބޭރުގެ ބަޔަކަށް ވިއްކާލުން ނުވަތަ ދަރަނި ނުދެއްކުމުން އަތުލެވޭ ގޮތަށް ރަހުނުކުރުމެއް ނޫނެވެ. އޭނާ ވިދާޅުވީ މި ސުކޫކުތަކުގައި އިންވެސްޓްކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތައްކަމަށްވާ ނޯވޭ އަދި ނެދަލެންޑްސް ފަދަ ގައުމުތަކުގެ އެކި ބޭންކުތަކާއި މާލީ އިދާރާތަކުން ކަމަށެވެ. މީގެ ތެރޭގައި އެއް މިލިއަން ޑޮލަރުން ފެށިގެން ދިހަ މިލިއަން ޑޮލަރާ ހަމައަށް އިންވެސްޓްކޮށްފައިވާ އެތައް ސަތޭކަ ބަޔަކު ތިބޭއިރު، ދަރަނި ނުދެއްކުނަސް އެއިން އެއްވެސް ބަޔަކު އައިސް ރާއްޖޭގެ ސްކޫލެއް ނުވަތަ ހޮސްޕިޓަލަކާ ހަވާލުވުމުގެ އެއްވެސް ފުރުސަތެއް ގާނޫނީ ގޮތުންނާއި އިސްލާމިކް ފައިނޭންސްގެ އުސޫލުން ނޯންނާނެކަމަށް އަމީރު ވިދާޅުވިއެވެ.

އިންޑިއާއާއެކު އޮންނަ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭގޮތުން ސުވާލު ކުރުމުން ޖަވާބުގައި އަމީރު ވިދާޅުވީ، އެއީ އެމްޑީޕީ ސަރުކާރުން ދައްކަންޖެހޭ ދަރަންޏެއްކަމަށް ބުނެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ.

އަޅުގަނޑުމެންގެ ސަރުކާރު ނިމުނުއިރު އެ ފެސިލިޓީން ނަގާފައިވާ އެއްވެސް ފައިސާއެއް ނޯންނާނެ. މި ސަރުކާރުން އައިސް ރިޒާވް މެނޭޖުކުރުމަށްޓަކައި އެ 400 މިލިއަން ޑޮލަރު އެއްކޮށް ނެގީ. އަދި އޭގެ ތެރެއިން 120 މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސްއަށްވެސް ދިން. އެހެންވީމާ މިއީ އެއްވެސް ގޮތަކަށް އެމްޑީޕީ ސަރުކާރާ ގުޅޭ ދަރަންޏެއް ނޫން

މީގެ އިތުރުން، އިންޑިއާއަށް ދާދިފަހުން ދެއްކި 500 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލާ ގުޅޭގޮތުން އަމީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން މިހާރު އޮތް ގޮތުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ. އެގޮތުން ދެ ގައުމުގެ ގުޅުން ރަނގަޅުނަމަ، އެ ދައްކަން ނުޖެހި ރޯލްއޯވަރ‘ ކުރެވުނީސްކަމަށާއި، އެ ފައިސާ މިވަގުތު ދައްކަން ޖެހުމުން ރާއްޖޭގެ ރިޒާވަށް އިންތިހާއަށް ޕްރެޝަރު ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވެފައިވާކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ރައީސް މުއިއްޒު ދައްކަވާ ހުރިހާ ވާހަކަފުޅުތަކަކީ ތެދު ހަގީގަތް ނޫންކަމަށާއި، ރާއްޖޭގެ ތިބި އިސްލާމިކް ފައިނޭންސް މާހިރުންނާ ސުވާލު ކުރުމުން މިކަމުގެ ހަގީގަތް އެންމެ ފުރަތަމަ ފިލާވަޅުންވެސް ސާފުވާނެ ކަމަށެވެ. އަދި ސަރުކާރުން މިފަދަ ދޮގު މައުލޫމާތު ފަތުރަނީ ރާއްޖޭގެ މުޅި ވިޔަފާރިތަކާއި އިގްތިސާދު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށްފަހު އެކަމުން ބަރީއަވުމަށް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: