ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ޑިއުޓީ ކުޑަކުރުން؛ މަޖިލީހުގައި ނިންމުން ދިފާއުކުރުމާއި، ބޮޑެތި ދެބަސްވުންތަކެއް!

އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ނަމުގައި، ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީއަށް ބޮޑު ބަދަލެއް ގެނެސް ތަންފީޒު ކުރަން ފެށިތާ އަހަރެއް ނުވެ ސަރުކާރުގެ ފަރާތުން ޑިއުޓީ ކުޑަކުރުމަށް އިސްލާހެއް ހުށަހެޅި އެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، އެއްވެސް އިސްލާހަކާ ނުލައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ. މި ބިލަކީ ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ހުށަހެޅުނު ބިލެކެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމައި، އިއްޔެ ބޭއްވި ޖަލްސާގައި ވޯޓަށް އެހުމުން ބިލު ފާސްވީ 68 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު، ބިލުގެ މަސައްކަތް ކުރިއަށް ދިޔައިރު ބައެއް ބަދަލުތައް ގެނައުމާ ގުޅޭގޮތުން ބަހުސް ކުރެވުނު ނަމަވެސް، ރަސްމީ އެއްވެސް އިސްލާހެއް ހުށަހެޅިފައި ނުވާތީ ބިލު ފާސްވެގެންދިޔައީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ.

މި ބިލަށް ބަހުސް ކުރެވުނު މަރުހަލާގައި މަޖިލީހުގެ ތަޅުން ވަރަށް ހޫނުވެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ވާހަކަފުޅުތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ޕީއެންސީގެ މެންބަރުން ބަހުސްގައި ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމާ ގުޅިގެން މީހުން ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން އެކަން އެގޮތަށް ނުވާކަން ހާމަވެފައިވާ ކަމަށް އެ މެންބަރުން ވިދާޅުވިއެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ޕީއެންސީން އަބަދުވެސް ވާހަކަދައްކަނީ އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް ޑިއުޓީއަށް ބަދަލު ގެންނަންޖެހޭ ސަބަބުތަކާ ގުޅޭގޮތުން ކަމަށެވެ.

މި އިސްލާހާއި ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގެ ބަހުސްގައި އެންމެ ފުރަތަމަ ފާހަގަވީ، މި ބިލުގައިވާ 30 އިންސައްތަ ޑިއުޓީ މިއަށްވުރެ ވެސް ކުޑަކޮށް، ސްޓިކަކުން ނަގާ 4 ރުފިޔާގެ ބަދަލުގައި 3 ރުފިޔާ 50 ލާރިއަށް ކުޑަކުރުމަށް ބައެއް މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުމެވެ. އެކަމަށް ވާހަކަ ދެއްކެވި އެމްޑީޕީ މެމްބަރުން ފާހަގަކުރެއްވި ގޮތުގައި 2025 ވަނަ އަހަރުގެ ބަޖެޓުގައި ކަސްޓަމްސް އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް، އަހަރު ނިމުނުއިރު ލިބުނީ އެންމެ 3 ބިލިއަން ރުފިޔާއެވެ. މި ދޮޅު ބިލިއަން ރުފިޔާގެ އުނިވުމަކީ ހަމައެކަނި ސިނގިރޭޓުން ވީ ކަމެއް ނޫން ކަމަށާއި، ސަރުކާރުން ޕްރައިވެޓް ޕޯޓުތަކަށް މުދާ ބޭލުމުގެ ހުއްދަ ދިނުމާއި ފްރީ ޓްރޭޑް އެގްރީމެންޓްތަކުގެ ސަބަބުން ވަގަށް މުދާ އެތެރެކުރުމުގެ ދޮރުތައް ހުޅުވިފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީގެ މެމްބަރުން ސިފަކުރެއްވި ގޮތުގައި ސަރުކާރުން ”މި އޮތީ އަނެއްކާވެސް އުނބަށް ޖައްސާފައެވެ.“ ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައި އޮތްއިރު، އާސަންދަ ފަދަ މުހިންމު ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތެއް ސާފުކުރުމަށް ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރުމަށް މެމްބަރުން ވަނީ ގޮވާލާފަ އެވެ.

ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ޑިއުޓީ ބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އާދަޔާ ހިލާފަށް ވަގު ސިނގިރޭޓު އެތެރެވީ ސަރުކާރަށް އެކަން ނުހުއްޓުވުމުން ކަމަށް ވިދާޅުވެފައެވެ. ”ޖެނެރޭޝަން ބޭން“ ފަދަ ގާނޫނުތަކަކީ ހަމައެކަނި ނަމެއްގައި އޮންނަ އެއްޗެއްގެ ގޮތުގައި ސިފަ ކުރައްވައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވީ ވަގަށް އެތެރެކުރާ ސިނގިރޭޓުކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ މި ބިލުގެ މަސައްކަތް ރޭވުންތެރިކަމެއް ނެތި ކުރިއަށްދާތީ އެކަން ”ބޮޑު ލަދެއް“ ގެ ގޮތުގައި ރައްޔިތުން ސިފަކުރާކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ، ސިނގިރޭޓާ ދެކޮޅަށް ގައުމީ ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައި މިފަދަ ބަދަލެއް ގެނައުމުން ރައްޔިތުންނަށް ކުރާ ފައިދާއަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.

އެމްޑީޕީގެ މެމްބަރުންގެ މި ވާހަކަތަކަށް ރައްދު ދެއްވައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މި އިސްލާހަކީ އާމްދަނީ އިތުރުކުރަން ގެނައި ބަދަލެއް ނޫންކަމަށެވެ. އަދި ވޭޕް މަނާކުރުމުގެ ސަބަބުން ދުންފަތަށް ހިޖުރަކޮކޮށްފާނެތީ އެކަމަށް ރެގިއުލޭޓަރީ ފްރޭމްވޯކެއް ގެނައުމަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ރައްޔިތުންނަށް ގެއްލުންދީ އާމްދަނީ ހޯދާނެ ވެރިއެއް ނޫންކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ވޭޕް މަނާކުރުމަށް ރާއްޖޭގެ 100 އިންސައްތަ ރައްޔިތުން ތާއީދުކުރިއިރު، މިއީ އެ ސިޔާސަތު ފުރިހަމަކުރުމަށް ގެނައި ބަދަލެކެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޑިއުޓީ ބޮޑުކުރިއިރު، ސަރުކާރުން ބުނެފައިވަނީ އެއީ ރައްޔިތުންގެ ސިއްހަތަށްޓަކައި، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް 18 މަސް ދުވަހުގެ ތެރޭގައި މި ސިޔާސަތު ބަދަލުކުރުމަކީ، ސަރުކާރުގެ ނިންމުންތައް ބަދަލުކޮށް ޔޫޓާން ނެގުންކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: