ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އިފްތިތާހުކޮށްދެއްވައިފިއެވެ.
މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، އިފްތިތާހުކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކްސްޕޯ ބައްލަވާލައްވާފައެވެ.
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމުކޮށްގެން ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރައްވާ މުހިއްމު ހުރިހާ ފަރާތްތައް، އެއް ތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.
”އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް“ މި ޝިޢާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ޚިދުމަތްދޭ ފަރާތްތަކާއި، ޤާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވާނެއެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުންތަކުން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި، ގިފްޓް ކާޑުގެ އިތުރުން ދަތުރުފަތުރުގެ ޕެކޭޖުތައް ހިމެނެއެވެ. މި އެކްސްޕޯގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 25,000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
ސްޓޯލްތަކުގެ އިތުރުން، މާލީ ދާއިރާގެ ކުރިމަގާއި، މާލީ ހޭލުންތެރިކަމާ ގުޅޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަންތަކެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ. މީގެ އިތުރުން، އާއިލީ އުފާވެރި މާޙައުލެއް ޤާއިމުކުރުމަށް ޓަކައި ފުޑް ފެސްޓިވަލަކާއި ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތަކެއްވެސް ވަނީ ރޭވިފައެވެ.
މި އިވެންޓުގެ ޒަރީއާއިން އާންމުންނަށް ރާއްޖޭގެ ފައިނޭންޝަލް ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުގެ ޚިދުމަތާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

