ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓުގެ ޑިއުޓީ 4ރ. އަށް ކުޑަކުރި އިސްލާހު ތަސްދީގުކޮށް އަމަލުކުރަން ފަށައިފި

ހޯކްސްގެ ބޯޓެއްގައި ރާއްޖެ އެތެރެކުރި ސިނގިރޭޓް ކާޓަންތައް ކަސްޓަމްސް އޮފިސަރުން ޗެކް ކުރަނީ.---ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު އަނެއްކާވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވީ އިއްޔެގެ ޖަލްސާގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ވޯޓުގައި މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ގެޒެޓުގައި ޝާއިއުކުރާ ހިސާބުން އެއަށް އަމަލުކުރަން ފަށާނެ ކަމަށް އިސްލާހުގައި އޮންނަ އިރު، މިއަދު މެންދުރު އެ އިސްލާހު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން މި ހުރިހާ ބާވަތަކުން 30 އިންސައްތައިގެ އެޑްވޮލެރަމް ޑިއުޓީއެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ.

ސަރުކާރުން ބުނި ގޮތުގައި މި ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވެފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) ގެ ލަފާގެ މަތިންނެވެ.

މި އިސްލާހުގެ އަނެއް މުހިންމު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުންކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، ދުންފަތާ ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

އިސްލާހުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުންފަތުގެ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރި ފަހުން، ދުންފަތް ބޭނުންކުރާ ފަރާތްތަކުގެ އާދަތަކަށް އައި ބަދަލުގެ ސަބަބުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މިންވަރު ވަނީ 21 އިންސައްތަ ދަށްވެފައެވެ. އަދި އަގު އަނެއްކާ ވެސް ކުޑަކުރުމާއެކު މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ސިނގިރޭޓު އެތެރެކުރާ މިންވަރު 50 އިންސައްތަ އިތުރުވާނެކަމަށް އާމްދަނީގެ އަންދާޒާގައި ލަފާކޮށްފައެވެ. ނަމަވެސް، އެ ފިޔަވަޅާއެކު، ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭނީ ބަޖެޓުގައި ލަފާކުރި އަދަދަށް ވުރެ 21 މިލިއަން ރުފިޔާ މަދުން ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: