ތައިލެންޑުގެ އިރުއުތުރު މުކްދަހާން ސަރަހައްދުގައި 11 އަހަރުގެ ކުޑަކުއްޖަކު އޭނާގެ މައިންބަފައިންގެ ޕިކަޕް ވަގަށް ނަގައިގެން ދުއްވަނިކޮށް، މަގުމަތިން ދިޔަ ބުދުދީނުގެ ހިމަނާރީންގެ ގައިގައި ޖެހި 8 މީހަކު މަރުވެ، ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، އެ ކުއްޖާ އޭނާގެ މައިންބަފައިންނަށް ނޭނގި ގޭގެ ޕިކަޕް ނެރެގެން ދުއްވަން ފެށުމުގެ ސަބަބުންނެވެ.
އެ ސަރަހައްދުގެ ”ރުއާމް ޖައި މުކްދަހާން ރެސްކިއު އެސޯސިއޭޝަން“ އިން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ގާތްގަނޑަކަށް 30 ހިމަނާރީން މަގުގެ އެއްފަރާތުން ސަފަކަށް ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި އައި ޕިކަޕް ވަނީ ކޮންޓްރޯލުން ނެއްޓި އެމީހުންގެ ގައިގައި ޖެހިފައެވެ. މި ހާދިސާގައި 5 ހިމަނާރީން މަރުވީ ހާދިސާ ހިނގި ތަނުގައެވެ. އަދި އަނެއް 3 މީހުން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާއިން ސަލާމަތްވި ހިމަނާރީއެއް ކަމަށްވާ ފްރާ ސޮމްޕޮންގް ކިޔައިދިން ގޮތުގައި، އެމީހުން ދިޔައީ ދީނީ ޒިކުރުތަކެއް ކުރަމުން މަޑުމަޑުން ހިނގާފައެވެ. ”ކުއްލިއަކަށް ފެނުނީ ވަރަށް ބާރު ސްޕީޑުގައި އައި ޕިކަޕެއް އަހަރެމެންގެ ގައިގައި ޖެހުނު ތަން. އަހަރެންނާއި އަދި އެހެން ހިމަނާރީއަކަށް ސަލާމަތްވެވުނީ ހަމަ ކިރިޔާ ފުންމާލައިގެން،“ އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ސަފުގެ ކުރީގައި ތިބި 9 މީހުން ސަލާމަތްވި ނަމަވެސް، އޭގެ ފަހަތުގައި ތިބި މީހުން ޕިކަޕުން ޖެހި ވިއްސައިގެން ދިޔައެވެ.
މުކްދަހާން ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ. އަދި 10 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު ބަޔަކަށް ކުދި އަނިޔާ ލިބިގެން ފަރުވާ ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން މުޅި ތައިލެންޑަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.
މުކްދަހާން ޕްރޮވިންޝަލް ޕޮލިސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ޕައިރޯޖް ތައިފުޓްސާ ވިދާޅުވީ، ކާރު ދުއްވި ކުއްޖާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި ކުއްޖާގެ މައިންބަފައިން ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި، ކުޑަކުއްޖަކު މިފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު އޭނާ ބެލެހެއްޓުމުގައި އިހުމާލުވި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

