ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެއް ކަމަށާއި އެއީ ބޮޑު ފާފައެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައިވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލާފައެވެ. މިގޮތުން، މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތުކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.
ތިމާއާއި ޙަވާލުވެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ، އެއާ މެދު ތިމާއާ ސުވާލުވެވޭނޭ އަމާނާތެއްކަމަށާއި ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށް ޓަކައި ބޭނުންކުރުމަކީ، ޚިޔާނަތްތެރި ޢަމަލެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
މިގޮތުން ޙުތުބާގައިވަނީ ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއްކަމަށް ބުނެފައެވެ. އަދި ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއްކަން ހުތުބާގައި އަޅުގަނޑުމެންނަށް ހަނދާންކޮށްދިނެވެ.
ކޮރަޕްޝަނުގެ ނުބައި ޢަމަލުތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރުން، އެއީ ކަން އޮންނަންވީ މަގުކަމުގައި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، މިއީ ނުހަނު ނުރައްކާތެރި ކަމެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
”ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވުމަށާއި، ޒިންމާދާރުކަމާ އެކު ޙައްޤުތައް އަދާކުރުމަށް އަންގަވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ބަސްފުޅެއްގެ މާނައިގައިވެއެވެ، ތިޔަބައިމީހުން ކުރެ މީހަކަށް ތިމަންކަލޭގެފާނު މަސްއޫލިއްޔަތެއް ޙަވާލުކުރައްވައިފި ނަމަ، ތިނޯހެއްގެ މިންވަރު ނުވަތަ އެއަށް ވުރެ ކުޑަ ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް، ތިމަންކަލޭގެފާނަށް ވަންހަނާކުރި ނަމަވެސް، އެއީ ޚިޔާނާތެކެވެ. ޤިޔާމަތް ދުވަހު އެ ޚިޔާނަތާއިގެން އެ މީހަކު އަންނާނެތެވެ.“
ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށާއި މިއީ ބިން ފަސާދަކުރާ، ސަލާމަތްބުއްދިއާ ފުށުއަރާ، ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލުތަކެއް ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
އިންސާނާގެ ފިޠުރަތުގައި އަމާންކަމާއި، ސަލާމަތްތެރިކަމާއި މިނިވަންކަމާއި ޢަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ލައްވައިފައއިވާއިރު ރިޝްވަތަކީ އިލާހީ ކޯފާއަށް ހުށަހެޅޭ، ބޮޑުވެގެންވާ ފާފައެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށާއި ކޮރަޕްޝަނާއި ރިޝްވަތަކީ، ނާއިންސާފާއި ބިރުވެރިކަން ޢާންމުވެ، ތަރައްޤީއަށް ހުރަސްއެޅޭ ކަމެއް ކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އަދި ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް ހަލާކު ހުރިކަމާށާއި މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާގެ ލަޢުނަތް އެ މީހެއްގެ މައްޗަށް ހުރިކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
އެފަދަ މީހަކީ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެއްކަން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވައިފައި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށް ޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!“
އަމާނާތްތެރިކަމަކީ މުއުމިނުންގެ އަސާސީ ސިފައެއްކަމަށާއި ޚިޔާނާތްތެރިކަމަކީ މުނާފިޤުންގެ ޢަލާމާތެއްކަމަށް ހުތުބާގައިވަނީ އަޅުގަނޑުމެންނަށް ހަނދާންކޮށްދީފައެވެ. އަދި ކޮރަޕްޝަނާއި ރިޝްވަތު ޢާންމުވީ ނަމަވެސް، އެއީ އާދައިގެ ކަމެއްކަމުގައި ދެކި، ހެއްލުންތެރިނުވުމަށާއި އެ ދުވަހަކުން، ތިމާ ފަޟީޙަތްވާނޭ ދުވަހާ މެދު ބިރުވެތިވުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ. އަދި ދުނިޔެވީ ޙަޔާތުގެ ބާއްޖަވެރިކަމާއި، އާޚިރަތުގެ ފަލާޙަށް އެދޭ ނަމަ، ކޮރަޕްޝަނާއި ރިޝްވަތުގެ ނޭއްގާނީ ޢަމަލުތަކާ ދުރުހެލިވުމަށާއި މާތް ﷲގެ ކޯފާއާ މެދު ބިރުވެތިވުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ.

