ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާ ދުވަސްވަރާ ދިމާކޮށް ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލަ ފާހަގަކުރެވޭ ކަމަށާއި، މި ދުވަސްވަރު ގާތްގަނޑަކަށް 8،000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ގަޑިން ރޭގަނޑު ދަންވަރުގެ ވަގުތުން ފެށިގެން ހެނދުނާ ހަމައަށް ކުރިއަށްދާ ވޯލްޑް ކަޕް މެޗުތައް ފެށުނު ފަހުން ދަރިވަރުންގެ ހާޒިރީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ 8،000 ދަރިވަރުންގެ ތެރެއިން 40 އިންސައްތަ ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި، ދަރިވަރުން ސްކޫލުގައި އުނގެނުމަށް ހޭދަކުރާ ވަގުތު ހިފެހެއްޓުން މުހިންމު ކަމަށެވެ. ދަރިވަރުން އެކަށީގެންވާ ވަރަށް ސްކޫލަށް ހާޒިރުނުވެ، ފިލާވަޅުތައް ގެއްލެން ފަށައިފި ނަމަ، އޭގެ ނުރަނގަޅު އަސަރު ދަރިވަރުންގެ ނަތީޖާއަށް ކުރާނެ ކަމީ ޔަގީން ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްލެޓްފޯމެއް މެދުވެރިކޮށް ކޮންމެ ދުވަހަކު ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ އަދަދު ބަލަން ފަށާފަ އެވެ. މި ޕްލެޓްފޯމުން ލިބޭ މައުލޫމާތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ”އަޅުގަނޑަށް އެނގޭ މިއީ ވޯލްޑް ކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،“ ކަމަށެވެ.
މި މައްސަލަ މިގޮތަށް ތަކުރާރުވާ ނަމަ، ދަރިވަރުން ސްކޫލަށް ދާހިތްނުވުމުގެ މައްސަލަ ކުރިމަތިވެ، ބެލެނިވެރިންނާއި ޓީޗަރުންނަށް ވެސް މާ އުނދަގޫ ހާލަތެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު މިނިސްޓަރު ދެއްވި އެވެ. އެހެންކަމުން، މެޗުތައް ބަލަން ބޭނުންވި ނަމަވެސް، ސްކޫލަށް ނުދެވޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ނުކުރުމަށް ބެލެނިވެރިންގެ ކިބައިން މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

