ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި މުޅިން މަޑުޖެހި މުޅި ގައުމު އޮތީ ހުއްޓުމަކަށް އައިސްފައިކަމަށާއި، ދައުލަތަށް އާމްދަނީ ލިބޭނެ އެއްވެސް މަގެއް މިހާރު ނެތްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަމީރު ވިދާޅުވީ، ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިތަރީ ފަންޑް (އައިއެމްއެފް) ގެ މުޅި ރިޕޯޓް ޝާއިއުކުރުމަށް މި ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ. އަމީރު ތުހުމަތު ކުރެއްވި ގޮތުގައި، އެ ރިޕޯޓް އެއްކޮށް އާންމު ކުރުމުން ނޫނީ ރާއްޖޭގެ އިގްތިސާދީ ހަގީގީ މަންޒަރު ސާފެއް ނުވާނެއެވެ. މިހާރު ސަރުކާރުން ހާމަކޮށްފައި ވަނީ ހަމައެކަނި ސަރުކާރުން އެއްބަސްވާ މައުލޫމާތުތައް ހިމެނޭ ކުރު ޕްރެސް ނޯޓެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ފޮރިން އެކްސްޗޭންޖް ގަވާއިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ރިޒާވް އިތުރުވާނެކަމަށް ބެލެވުނު ނަމަވެސް، އެ ބަދަލާއެކު ބޭރު ފައިސާގެ ބްލެކް މާކެޓްގެ ރޭޓް ކުރިއަށްވުރެ ބޮޑަށް މަތިވެގެންދާނެކަމަށް އޭރުވެސް އިންޒާރު ދިން ކަމަށެވެ. އަދި ވިދާޅުވީ މިއަދު ފެންނަމުންދަނީ އެ މަންޒަރު ކަމަށެވެ. މީގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.
ފިހާރަތަކަށް ހަފްތާއަކު އެއްފަހަރު ވަދެލިޔަސް ތަކެތީގެ އަގު ބޮޑުވަމުންދާކަން އެބަ ފެނޭ. އިންފްލޭޝަން އޮތީ އަތްނުފޯރާ ފަށުގައި. އެމްއެމްއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ ތަކެތީގެ އަގު ކޮންޓްރޯލް ކުރުން ނަމަވެސް، ސަރުކާރުގެ ނުބައި ސިޔާސަތުތަކުގެ ސަބަބުން އެކަން ނުކުރޭ
އަމީރު ވިދާޅުވި ގޮތުގައި އެމްއެމްއޭގެ މައިގަނޑު މަގްސަދަކަށް ވާންޖެހޭނީ ތަކެތީގެ އަގު ހިފެހެއްޓުމެވެ. ނަމަވެސް އެކްސްޗޭންޖް ރޭޓަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިގްތިސާދަށް ކުރަނީ ނޭދެވޭ އަސަރުތަކެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި އިގްތިސާދީ މަސައްކަތެއް ހިނގަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ދަތުރުކުރުމުން ފެންނަނީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފައިވާ މަންޒަރު ކަމަށެވެ. އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތަކަށް ކުރާނެ މަސައްކަތެއް ނެތްއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވަމުންދާކަމަށް އަމީރު ވިދާޅުވި އެވެ.
ދަރަނީގެ މައްސަލައިގައި އަމީރު ވިދާޅުވީ، ކުރީ ސަރުކާރުން ވެސް ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާނެ ކަމަށެވެ. އަދި މި ސަރުކާރުން ދެއްކި ސުކޫކްގެ 500 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން މާލީ ބާޒާރުގައި މާ ނާޒުކު ދަނޑިވަޅެއްގައި ވެސް މެނޭޖްކުރަމުން އައިކަމަށް ވިދަޅުވި އެވެ.
ކޮވިޑް-19 ގެ ބޮޑު ކާރިސާގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަމަށް 97 ބިލިއަން ރުފިޔާގެ ގެއްލުންވި ނަމަވެސް، އޭރުގެ ސަރުކާރުން ހަރަދުތައް ކުޑަކޮށް، ދައުލަތުގެ މާލިއްޔަތު ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓިކަމަށް އަމީރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވީކްލީ ފިސްކަލް ރިޕޯޓްތައް ނެރުނިން. ކޮވިޑް ސްޕެންޑިން ރިޕޯޓްތައް ޝާއިޢުކުރިން. ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން މިއަދުވެސް އެ ތަފްސީލުތައް ފެންނަން ހުންނާނެ
ބަޖެޓުގައި ރާއްޖޭގެ އިގްތިސާދު 5.3 އިންސައްތައިގައި ކުރިއަރާނެކަމަށް ލަފާކުރި ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު އެ އަދަދު 1 އިންސައްތައަށް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ރަނގަޅު މާލީ ސިޔާސަތެއްގެ ތެރެއިން ބޭރުގެ އިންވެސްޓްމަންޓްތައް ގެނެސް، އަގުހެޔޮ ލޯނުތައް ހޯދައިގެން ދަރަނި ރިފައިނޭންސް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެފަދަ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާތީ، ރާއްޖޭގެ މާލީ އަދި އިގްތިސާދު އޮތީ ވަރަށް ގޯސްކޮށްކަމަށް އަމީރު ވިދާޅުވި އެވެ.

