ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދިނުން ސިޔާސީ ކުރުމަކީ ގޯހެއް!

ކުރީގެ ތިން ރައީސުން، ޔާމީން (ކ) ނަޝީދު (މ) އަދި ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޝެއާރކޮށްލާ ކަހަލަދޯ؟
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އެންމެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިހުތިރާމާއި ރައްކާތެރިކަމެވެ. މީގެ ތެރެއިން ވެސް ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީއަކީ އެ ބޭފުޅުންގެ ސިޔާސީ ފިކުރަށް ނުވަތަ ހަރަކާތްތަކަށް ބަލައިގެން ދޭ އެއްޗެއް ނޫނެވެ. އެއީ އެ ބޭފުޅުން ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި، އެ ބޭފުޅުންގެ ފުރާނައާއި ހަށިކޮޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނުން ލާޒިމުކުރާ އަސާސީ ހައްގެކެވެ.

އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހެޅައި، އެ ކޮމެޓީގެ މަސައްކަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަކީ އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމެކެވެ. މިފަދަ ނިންމުންތަކަކީ ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާއިރު، އެކަމުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނުކުރުމަކީ ސިޔާސީ ނުފޫޒު އޮތް ކަމަށް ބެލުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި، ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއްގެ ގޮތުގައި ފުލުހުން ކަނޑައަޅައިފިނަމަ، އެ ވަގުތުން ފެށިގެން އެ ބޭފުޅުންގެ ސެކިއުރިޓީ މެދުކެނޑޭނެއެވެ. މިއީ ސިޔާސީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ އެއްވުމެއްގެ ގާނޫނީ ހައިސިއްޔަތު ކަނޑައެޅުމަކީ ސިޔާސީ ނުފޫޒު ވަދެދާނެ ކަމަކަށް ވާތީއެވެ.

ކުރީގެ ރައީސުންނަށް ގާނޫނާ ހިލާފު މުޒާހަރާތަކުގައި ސެކިއުރިޓީ ނުދޭން ނިންމިއިރު، ދާދިފަހުން ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު އަދި އަބްދުﷲ ޔާމީން ވަނީ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވައިފައެވެ. މިފަދަ ދަނޑިވަޅެއްގައި ސެކިއުރިޓީގެ އުސޫލުތަކަށް ބަދަލު ގެނައުމަކީ އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތައް ހަނިކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަޑު އިވޭ ގޮތުގައި މިގޮތަށް ނިންމަން ޖެހުނީ ގާނޫނާ ހިލާފު އެއްވުންތަކުގައި ސެކިއުރިޓީންނަށް ވެސް ގާނޫނާ ހިލާފު އަމަލުތައް ހިންގަން މަޖުބޫރުވާ ފަދަ ހާލަތްތައް ކުރިމަތިވާތީއެވެ. ނަމަވެސް، ސެކިއުރިޓީގެ މަގްސަދަކީ އެ ބޭފުޅެއްގެ ފުރާނައާއި ހަށިކޮޅު ރައްކާތެރިކުރުމެވެ. އެއްވުމެއްގެ ގާނޫނީ ހައިސިއްޔަތަށް ބަލައި ސެކިއުރިޓީ ކަނޑާލުމަކީ އެ ބޭފުޅެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމެކެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން މުޒާހަރާކުރުމާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި، ހިޔާލުފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ހައްގުތަކެކެވެ. ކުރީގެ ރައީސުންނަކީ ވެސް މި ހައްގުތައް ލިބިގެންވާ ބޭފުޅުންނެވެ. އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ސިޔާސީ ހަރަކާތަކަށް ބަލައި، ދައުލަތުން ދޭންޖެހޭ ރައްކާތެރިކަން ކަނޑާލުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަންޖެހޭނެ އުސޫލެއް ނޫނެވެ.

ސެކިއުރިޓީ ފޯރުކޮށްދިނުމަކީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމެއް ނޫނެވެ. އެއީ ދައުލަތުގެ މުއައްސަސާއަކުން ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމުގައި ސިޔާސީ ކުލަ ޖެއްސުމަކީ ދައުލަތުގެ މުއައްސަސާތަކުގެ އަގުވެއްޓި، ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.

ކުރީގެ ރައީސުންނަށް ދޭ ސެކިއުރިޓީއަކީ އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކާ ގުޅުވައިގެން ކަނޑާލެވޭނެ އެއްޗަކަށް ވެގެން ނުވާނެއެވެ. ގައުމުގެ ހަމަޖެހުމާއި، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމަކީ ސިޔާސީ އޮއިވަރަށްވުރެ މަތީގައި އޮންނަންޖެހޭނެ ކަންކަމެވެ. އެހެންކަމުން، ސެކިއުރިޓީ ދިނުމުގެ އުސޫލުތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަކަމާއެކު ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: