ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބަލައި ސައިޓް އިންސްޕެކްޓްކޮށްފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ސަރުކާރުގެ ބައެއް އިސްވެރިން އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައި އެ ސައިޓް އިންސްޕެކްޓްކުރައްވައިފިއެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ދެކުނުގެ ސަރަޙައްދު އިޤްތިޞާދީ އަދި ފަތުރުވެރިކަމުގެ މައި ހަބަކަށް ބަދަލުކުރުމަށް ޓަކައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް އުމްރާނީ މަޝްރޫޢެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފައިނޭންސްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިންޑިއާގެ ހައިކޮމިޝަނުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު ކުރިއަށްދިޔަ މި އިންސްޕެކްޝަންގައި ހައިކޮމިޝަނުގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އޮފިޝަލުންނާއި، ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ މެނޭޖްމަންޓްގެ އިތުރުން މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އެއާޕޯޓުގެ އިމާރާތްކުރުމުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި މަޝްރޫޢުގެ ޖުމްލަ ކުރިއެރުމަށެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 4 ޖޫން 2023 ގައެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢު ނިމުމުން، އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފަދަ ޒަމާނީ ފަސިންޖަރ ޓާމިނަލެއް ގާއިމުވެގެންދާނެއެވެ. މީގެ ސަބަބުން އެއާޕޯޓުގެ ޖާގަ އިތުރުވެ، ފަސިންޖަރުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

އެއާޕޯޓް ތަރައްޤީކުރުމުގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި، ލައުންޖްތަކާއި، ކޯލްޑް ސްޓޯރޭޖް ހިމެނޭހެން ކާގޯ ވަޞީލަތްތަކުގެ އިތުރުން، އައު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނަކާއި، އެތެރޭގެ މަގުތަކާއި ޕާކިންގ ސަރަޙައްދުތައް ތަރައްޤީކުރުން ހިމެނެއެވެ.

ކަމާބެހޭ އިދާރާތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ސީދާ ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުވެ، ވައިގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގައި ރިސޯޓްތަކާއި، ސިޓީ ހޮޓާތަކާއި، ގެސްޓްހައުސްތައް ތަރައްޤީކުރުމަށް އިންވެސްޓަރުންނަށް މަގުފަހިވެ، ފަތުރުވެރިކަމާއި މުޅި ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ބައިނަލްއަޤްވާމީ އެއާޕޯޓެވެ. އަދި މިއީ ރާއްޖޭގެ ދެކުނަށް ދަތުރުކުރުމުގައި ބޭނުންކުރާ މައި ދޮރާއްޓެވެ. މި އެއާޕޯޓް އަލުން ތަރައްޤީކުރުމުގެ މަޤްޞަދަކީ ފަތުރުވެރިކަން ލާމަރުކަޒީކުރުމާއި، ބައިނަލްއަޤްވާމީ ދަތުރުތަކަށް އެކަށީގެންވާ ފަދަ ވަޞީލަތްތައް ގާއިމުކޮށް، އައްޑޫ ސިޓީއާއި ކައިރި އަތޮޅުތަކުގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: