މިސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދަނީ ސިޔާސީ ފިކުރަށް ބަލައި، އެމްޑީޕީއަށް ތާއީދުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޔާޒް ވަނީ ސަރުކާރުގެ މި އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނިޔާޒް ވިދާޅުވީ، ވަޒީފާތަކުން މިހާރު އުނިކުރަމުންދާ މީހުންނަށް ބަލާއިރު އޭގެ ތެރޭގައި ގިނައީ މިސަރުކާރަށް ތާއީދު ނުކުރާ އަދި އެމްޑީޕީގެ ފިކުރުގެ މީހުން ކަމަށެވެ.
”ވަޒީފާތަކުން އުނިކުރެވިފައިވާ މީހުންނަށް ބަލާއިރު އޭގެ ތެރޭގައި ގިނަވާނީ މިސަރުކާރަށް ތާއީދު ނުކުރާ މީހުން، އެމްޑީޕީއަށް ތާއީދުކުރާ މީހުން، ބައްލަވާ އެކަން އޮންނާނީ އެހެން، ވަރަށް ބޮޑަށް އެކަމަށް ބަލައިގެން ވަޒީފާއިން މީހުން ވަކިކުރަނީ، އަޅުގަނޑު ޤަބޫލު ކުރަނީ އެގޮތަށް“ ނިޔާޒް ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ހުރި ފެނަކަ އަދި އާރްޑީސީ ފަދަ ކުންފުނިތަކުގެ މުވައްޒަފުން މިހާރުވެސް ސްކްރީން ކުރަމުންދާ ކަމަށް ނިޔާޒް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ އެއްވެސް ގޮތަކަށް ކުންފުނިތައް ރީސްޓްރަކްޗާ ކުރަން ކުރާ ކަމެއް ނޫން ކަމަށާއި، ވަކި ބައެއްގެ ވިސްނުމާއި ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަން ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، މިސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ނިޔާޒް ދެއްވިއެވެ. ”ނުހައްޤުން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާ ދޭނަން، އެކަން ކުރާނަން އަޅުގަނޑުމެން“ އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މުއައްސަސާތަކުން މުވައްޒަފުން މަދުކުރާއިރު، އޭގެ ތެރެއިން މަހަށް ދާން ބޭނުންވާ މީހުންނަށް އިތުރު އިނާޔަތްތަކެއް ދީގެން މަސްވެރިކަމުގެ ދާއިރާއަށް ނެރެންޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އޭނާ ސުވާލު އުފެއްދެވީ ”ސަރުކާރުން އިތުރު ބޯނަސްއެއް ދޭގޮތަށް މިދާއިރާއަށް މީހުން ގެންނަންވީނޫންތޯ؟“ މިފަދައިންނެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ބިދޭސީން ގިނަވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ޒުވާނުން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް ބޮޑެތި ދިރާސާތަކެއް ކުރަންޖެހޭ ކަމަށެވެ. އެއްވެސް މީހަކަށް ވަކި ވަޒީފާއަކަށް ދާން މަޖުބޫރު ނުކުރެވޭނެ ނަމަވެސް، ޒުވާނުންގެ ޝައުގުވެރިކަން އުފެއްދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ އޭނާ ވާހަކަ ނިންމާލެއްވިއެވެ.

