މަސްދޯނިފަހަރުން 2 ޖުލައި 2026 ގެ ނިޔަލަށް މިފްކޯ އަށް މަސްކިރުވި ދޯނިތަކަށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފިއެވެ.
މި ފައިސާއަކީ ކަޅުބިލަމަހާއި ކަންނެލި ހިމެނޭހެން ޖުމްލަ 17 ދޯންޏަކުން ކިރުވާފައިވާ މަހަށްވާ ފައިސާއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، 4 ޖުލައި 2026 ގައި ޖުމްލަ 1,397,565 ރުފިޔާ ވަނީ ދޯނިތަކަށް ޖަމާކޮށްފައެވެ. މީގެ ތެރޭގައި 15 މަސްދޯންޏަކުން ކިރުވި ކަޅުބިލަމަހަށްވާ 1,352,995 ރުފިޔާ ހިމެނެއެވެ. އަދި ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 2 ދޯންޏަކަށް 10,320 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 2 ދޯންޏަކަށް 34,250 ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ހަލުވިކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފްކޯއިން މިހާރު ވަނީ މަސް ގަންނަ އަގުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 10 ކިލޯއާއި 15 ކިލޯގެ މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ މަސް ކިލޯއެއް ގަންނަނީ 25 ރުފިޔާގެ މަގުންނެވެ.

