ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނެތް: މެޓް

ޝެއާރކޮށްލާ ކަހަލަދޯ؟

ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައި ނުވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ހިމެނޭ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

މެޓުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނި ގޮތުގައި، ބިންހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީހެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތެވެ. އެހެންކަމުން، ވަކި ދުވަހެއްގައި ނުވަތަ ވަގުތެއްގައި ބިންހެލުމެއް އަތުވެދާނެ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ސައިންޓިފިކް އަސާސެއް އޮތް ވާހަކަތަކެއް ނޫންކަން އެ އިދާރާގެ ބަހުން އެނގެއެވެ.

ބިންހެލުންތަކުގެ މައުލޫމާތުތައް މެދުކެނޑުމެއް ނެތި މެޓް އޮފީހުން ބަލަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެގޮތުން ދިވެހިރާއްޖެއަށް އަސަރެއް ކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެނަމަ، އެ މައުލޫމާތެއް ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން މެޓުން ވަނީ ދީފައެވެ.

މި މައުލޫމާތު މެޓުން ހިއްސާކޮށްފައި މިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ހިމެނޭ ސަރަހައްދަށް 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެދާނެ ކަމަށް ބުނެ މީސް މީޑިއާގައި މައުލޫމާތުތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުން ގޯސްވާ މިންވަރަކަށް އެކަމުގެ މައުލޫމާތުތައްވެސް މެޓުން އަންނަނީ ގަވާއިދުން އާންމުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: