ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ އެއިރެއްގައި އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާއާ އަތުގުޅުވާލައިގެން އަބަދު އެކުގައި އުޅެންޖެހޭ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ވާޖިބަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި، އެ މަޤާމުގައި ހުންނަވާ ބޭފުޅަކު ސަރުކާރަށް ތާއީދުކޮށްގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅަކު އަބަދުވެސް މަސައްކަތް ކުރަންވާނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
”ޤާނޫނު އަސާސިއާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅަކު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަން ޖެހޭނެ، އެއީ މިއަދު ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އޮތްގޮތް. މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތަކީ އެއިރެއްގެ އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުން، އޭނާގެ މަސްއޫލިއްޔަތަކީ ރައީސުލް ޖުމްހޫރިއްޔާއާއި އަތުގުޅުވާލައިގެން އަބަދުގެ އަބަދަށް ރައީސްގެ އަރިހުގައި ހުންނެވުމެއް ނޫން“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ ތިން ބާރު ވަކިކުރުމަކީ އެމްޑީޕީގެ މައިގަނޑު އަމާޒެއް ނަމަވެސް، އެކަން އެންމެ އެދެވޭ ގޮތެއްގައި ނުދާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާ ޕާޓީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމުން، މަޖިލިސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ދެއެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތައް ވެސް ސަރުކާރުގެ ނުފޫޒުގެ ދަށަށް ދާކަމަށާއި، މިއީ ނިޒާމުގައި އުޅޭ ބޮޑު އުނިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއާ ދެމެދު ފަރަގުތަކެއް ހުންނަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ މައްސަލަތައް އުފެދޭނެ ކަމަށެވެ. އަދި މިހާރު ފެންނަމުންދާ އުނިކަންތައްތައް އިސްލާހުކޮށް، މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކަށް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

